ރައީސްގެ ވަފުދެއް ގާސިމްގެ އަރިހަށް!
ރައީސްގެ ވަފުދެއް ގާސިމްގެ އަރިހަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރާތްޕުޅުން ވަޑައިގެންނެވި ދެ ބޭފުޅަކާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އިއްޔެ ސަން އައިލެންޑް ރިސޯޓުގައި ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒާއި ގާސިމްގެ ބައްދަލުވުމުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވި ނަމަވެސް އެ ބައްދަލުވުމުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

އެކަމަކު، އެމްޑީޕީގެ އެތެރޭގައި މިހާރު އޮތް ވެރިކަމުގެ ކޯޅުމުގެ ތެރެއިން، މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމްގެ ތާއީދު ހޯދަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެކި ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ނަޝީދުގެ ފަރާތްޕުޅުން ވެސް ބޭފުޅުންތަކެއް ގާސިމާ ދާދި ފަހުން ބައްދަލުކުރެއްވި ކަމަށް އެނގިފައި ވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ މި ފަހަރުގެ އިންތިހާބުގެ ކުރިން، ސަރުކާރާއެކު ގާސިމް ހަދާފައިވާ ކޯލިޝަން ރޫޅާލަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވެ އެވެ. މި ފަހަރުގެ އިންތިހާބަށް ގާސިމް ނުކުމެވަޑައިގަތުމަށް ވެސް ނަޝީދުގެ ޓީމުން ބާރު އަޅާ ކަމުގެ ތުހުމަތު އެބައޮތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ އިތުރު ޕާޓީތަކާއެކު ހަދާ ކޯލިޝަނެއްގެ ތެރެއިން މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މޮޅުވުމެވެ. އެހެންވެ، ދެވަނަ ބުރެއްގެ ވާހަކަ ވެސް ރައީސާއި އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކުން ނުދައްކަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލު ކުރައްވާނެ ގޮތެއް ގާސިމް އަދި ނުނިންމަވަ އެވެ. އެކަން ބޮޑަށް ސާފުވާނީ މި މަހުގެ 25،24 ގައި ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގަ އެވެ.