ރޮނާލްޑޯގެ އެހީއާ އެކު ތައާވޫން ކައިރިން ބަދަލު ހިފައިފި
ރޮނާލްޑޯގެ އެހީއާ އެކު ތައާވޫން ކައިރިން ބަދަލު ހިފައިފި

ރިޔާދު (ފެބްރުއަރީ 18) - ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރުން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީއާ އެކު ދެ ގޯލު ޖަހައި 2-1 އިން މޮޅުވެ އަލް ތައާވޫން ކައިރިން ބަދަލު ހިފައިފި އެވެ.

ރޮނާލްޑޯގެ އެހީއާ އެކު ތައާވޫން ކައިރިން ބަދަލު ހިފައިފި
ރޮނާލްޑޯގެ އެހީއާ އެކު ތައާވޫން ކައިރިން ބަދަލު ހިފައިފި

މިހާތަނަށް ލީގުގައި ނަސްރު ކުޅުނު 17 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ދެވަނައަށް، ރަށުން ބޭރުގައި ތައާވޫނާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިންނެވެ. އެ މެޗުގައި ތައާވޫނުން ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 12 ވަނަ މިނިޓުގަ އެވެ.

މި ނަތީޖާއާ އެކު ނަސްރު ލީގު އެއްވަނައިގައި އޮތީ 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދާއި އަލް ޝަބާބަށް ވެސް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. އިއްތިހާދުން ނަސްރާ އެއްވަރަށް 17 މެޗު ކުޅެފައި ވާއިރު ޝަބާބު ވަނީ އިތުރަށް ދެ މެޗު ކުޅެފަ އެވެ. ތައާވޫން އޮތީ 10 ޕޮއިންޓް ފަހަތުން ތާވަލްގެ ފަސްވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި ނަސްރަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަބްދުއްރަހްމާން ގަރީބް އެވެ. އޭނާ މި ލަނޑު ޖެހީ އަމިއްލަ ހާފުގައި ހުރެފައި ރޮނާލްޑޯ ހުސްކޮށްލާފައި ދިން ތުރޫ ޕާހެއް ހޯދައިގެންނެވެ. މިއީ އޭނާ ސައުދީ އަށް ބަދަލުވެ ކުރި ފުރަތަމަ އެސިސްޓެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ތައާވޫނުން ނަތީޖާ އެއްވަރު ކުރި އެވެ. އެއްވަރުކުރި ލަނޑު ޖަހައިދިނީ 2014/2015 ސީޒަން ގައި ރޮނާލްޑޯ އާއެކު ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ އަލްވާރޯ މެޑްރާން އެވެ.

ނަސްރު މޮޅުވި ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އަބްދުﷲ މަދޫ އެވެ. މި ލަނޑު އޭނާ ޖެހީ ގޯލް ކުރިމަތިން ރޮނާލްޑޯ ފައިގައި ޖެހިފައި ލިބުނު ބޯޅައިންނެވެ. ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ފުރަތަމަ ބެލި އެވެ. އެކަމަކު ރެފްރީ އެއީ ގޯލެއްކަން ބަލައިގަންނަން ނިންމީ ދިގު ވީއޭއާރު ރިވިއު އަކަށް ފަހު އެވެ.

މޮޅުވި ލަނޑު ޖަހައިދިން މަދޫ އަކީ ރޮނާލްޑޯ ކުޅެންދެން ޓީމުގެ ކެޕްޓަން ކަން ކުރި ކުޅުންތެރިޔާ އެވެ.

މިހާރުގެ ކެޕްޓަން ރޮނާލްޑޯ މެޗުގައި ގޯލު ޖަހަން ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް ދިޔައީ ގޯލު ކައިރިން ބޭރަށެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން ފަސް ގޯލު ޖަހައިފަ އެވެ.