ހަފުލާ ނުބާއްވަން އެންގީ ވަކި މީހެއްގެ އޯޑަރަށް: މައުމޫންގެ ފެކްޝަން
ހަފުލާ ނުބާއްވަން އެންގީ ވަކި މީހެއްގެ އޯޑަރަށް: މައުމޫންގެ ފެކްޝަން

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ބާއްވަން އުޅުއްވި ހަފުލާ ނުބޭއްވޭނެ ކަމަށް ފުލުހުން އެންގީ ވަކި މީހެއްގެ އޯޑަރަށް ކަމަށް މައުމޫންގެ ފެކްޝަނުން މިރޭ ބުނެފި އެވެ.

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވައި ހިޔާލު ހޯއްދެވުމަށް ކުރީގެ ރައީސް މައުމޫން މިރޭ ބާއްވަން އުޅުއްވި ހަފުލާ ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ މިއަދު މެންދުރުފަހު އަންގައިފަ އެވެ. އެ އެންގުމާ އެކު، އެ ހަފުލާ މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

އެކަމާ ގުޅިގެން މައުމޫންގެ ފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފެކްޝަނުން ޕާޓީ އަށް އައްޔަންކޮށްފައިވާ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ އޮފީހަށް މިއަދު މެންދުރުފަހު ދިޔަ ދެ ފުލުހުން އެންގީ މައުމޫން ފިޔަވައި އިތުރު އެއްވެސް މީހަކަށް މިރޭ ތެމާ އަށް ނުވަދެވޭނެ ކަމަށެވެ. އެކަމަކު، އެ އެންގުން ލިޔުމުން ދޭން ފުލުހުން އެއްބަސް ނުވި ކަމަށް ނާދިރާ ވިދާޅުވި އެވެ.

"މައުމޫން މި އުޅުއްވަނީ އެކަނި ނީންނެވިގެނެއް ނޫން. މި އުޅެނީ މެމްބަރުންނާ ބައްދަލުކުރަން. އަޅުގަނޑުމެން މި އުޅެނީ އެންމެ ވިއްސަކަށް މީހުން ބައްދަލުވުމެއް ބާއްވާލަން. އެހެން ނަމަވެސް، މިކަން މި ބޭފުޅުންނަށް ހަޖަމެއް ނުވި،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ނާދިރާ ވިދާޅުވީ ފުލުހުންގެ އެ އެންގުމަކީ ވަކި މީހެއްގެ އޯޑަރަށް ކުރި ކަމެއް ކަމަށެވެ. ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތް ކަމަށް ބުނާއިރު، މަދު ބަޔަކު ބާއްވަން އުޅޭ ހަފުލާއަކަށް ހުރަސް އަޅަން ޖެހެނީ ކީއްވެގެންތޯ ނާދިރާ ސުވާލު އުފެއްދެވި އެވެ.

"މި އުޅެނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްސަލައެއް ނޫން. މި އުޅެނީ ވަކި ބަޔަކު ބޭނުންވާތީ، ވަކި މީހެއްގެ އޯޑަރަށް ކުރާ ކަމެއް. ރަސްމީ އޮންނަ އުސޫލުގެ ތެރެއިން ކުރާ ނަމަ، ލިޔެކިޔުމުން އެންގުން އަންނަން ވާނީ. އެހެންނެއް ނޫން މި ވަނީ،" އޭނާ ވިދާޅުވި އެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ޕާޓީގެ މެމްބަރުންނާ މައުމޫން މިރޭ ބައްދަލުކުރައްވަން އުޅުއްވީ އެ މަނިކުފާނު އިއުލާނު ކުރައްވާފައިވާ ޕާޓީގެ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސަށް ޕާޓީގެ މެމްބަރުންނާ ބައްދަލު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރޭގެ ހަފުލާ ކުރިއަށް ނުގެންދަން ނިންމީ، ޕާޓީގެ ރައީސް ބޭނުންފުޅެއް ނުވޭ މިކަމުގެ ތެރޭގައި ބަޔަކަށް އަނިޔާވެ ނުވަތަ ބަޔަކު ހައްޔަރުވެ، މިފަދަ ކަންތައްތަކެއް ހިނގާކަށް،" ޔުމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެމްބަރުންގެ ހިޔާލު އެހެން ގޮތަކުން ހޯދުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް ރައީސް ޔާމީން ކިތަންމެ ބާރަށް ވިދާޅުވިޔަސް އަމަލުން ފެންނަނީ އެ ފުރުސަތު ނެތްކަން ކަމަށެވެ. ރައީސް ޔާމީނާ ހިޔާލު ތަފާތުވާ އެއްވެސް ބަޔަކަށް އެ ފުރުސަތު ނެތް ކަމަށް ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ކޯޓުން ވަނީ އެ ޕާޓީގެ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އަދި މައުމޫން ވަނީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ.