18 ފެބުރުއަރީ 2023 - 06:34

ބެއިޖިން (ފެބްރުއަރީ 17) - އެމެރިކާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ގޯސް ވެއްޖެ އެވެ.
ދުނިޔޭގެ ސުޕަ ޕަވަރުންގެ ގޮތުގައި މިހާރު ވާދަކުރަމުން އަންނަ ދެ ގައުމުގެ ގުޅުން މިފަހުން ގޯސްވީ އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ބޮޑު "ފުއްޕާހަމެއް" ފެނުނު ހިސާބުންނެވެ. އެމެރިކާއިން ބުނަނީ އެއީ ޗައިނާއިން ޖާސޫސްކުރަން ބޭނުންކުރި އެއްޗެއް ކަމަށެވެ. ނަމަވެސް ޗައިނާއިން ބުނަނީ އެއީ މޫސުމީ ދިރާސާތައް ކުރުމަށް ބޭނުންކުރި އެއްޗެއް ކަމަށެވެ.
އެ ފުއްޕާހަން އެމެރިކާގެ އަސްކަރިއްޔާއިން ވައްޓާލި އެވެ. އޭގެ ފަހުން ވެސް އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ އެއްޗިހިތަކެއް ކަމަށް ބެލެވޭ، ގޮތް ނޭނގެ އުޅަނދުތަކެއް ފެނުނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާ އަށް ދަތުރެއް ކުރައްވަން ހަމަޖެހިފައި އޮތް ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައި އޮތަސް އެމެރިކާއިން އެ ދަތުރު ކެންސަލް ކުރާނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ.
ޗައިނާގެ ޖެއްސުންތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ ޗައިނާގެ ތަނެއް ކަމަށް އެ ގައުމުން ވަކާލާތުކުރާ ތައިވާނަށް އެމެރިކާގެ ސީނިއާ އޮފިޝަލަކު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފަ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ މައިކަލް ޗޭޒް ތައިވާނަށް ވަޑައިގަންނަވަން ހަމަޖަހިފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުނެ އެވެ. އެ ނޫހުގައި ވާ ގޮތުން އެ ދަތުރުގެ ބޭނުމަކީ ތައިވާނާ އެކު އަސްކަރީ ގުޅުންތައް ބަދަހިކޮށް ޗައިނާގެ ފަރާތުން އެމެރިކާ އަށް ކުރިމަތިކުރާ ޖެއްސުން ތަކަށް ރައްދު ދިނުމެވެ.
ޗޭޒް އަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ މިދިޔަ އޯގަސްޓް މަހު ތައިވާނަށް ވަޑައިގަތް ފަހުން އެ ގައުމަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ އިސް މަންދޫބެވެ. ތައިވާންގެ ޑިފެންސް މިނިސްޓަރު ޗިއު ކުއޯ ޗެންގް ވިދާޅުވީ ޗޭޒްގެ ދަތުރު ކުރައްވާކަން އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އެކަމަކު ތައިވާނާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ އަދި ތައިވާނަށް ފައިދާވާ ކޮންމެ ކަމެއް ހުށަހަޅަން އަންނަ މީހަކަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަން. ތައިވާންގެ ޑިފެންސް އޮޕަރޭޝަނަށް އެހީވާން އަންނަ ކަމަށް ވަންޏާ އެއީ ވަރަށް ރަނގަޅު ކަމެއް."
ޗޭޒް މިހާރު ހުންންވީ މޮންގޯލިއާގަ އެވެ. އެގައުމުގައި އަސްކަރިއްޔާ އަށް އެމެރިކާގެ އަސްކަރީ އެހީތެރިކަން އޭނާ މެދުވެރިކޮށް ފޯރުކޮށް ދިން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.