18 ފެބުރުއަރީ 2023 - 06:36

ކުޅުންތެރިޔަކަށް އެއް ފެންވަރެއްގެ ދެ ކުޅިވަރަކުން ޑިމާންޑް އޮތުމަކީ އެ ކުޅުންތެރިއެއްގެ ކޮލިޓީ ހާމަކޮށްދޭ ކަމަކެވެ. މި ފަހަރު އެފަދަ ނަމެކެވެ.

މިދިޔަ ހޯމަ ދުވަހު އުމުރުން 15 އަހަރު ފުރުނު އައިކް އަހުމަދު މައުރޫފަކީ އެންމެ ފުރަތަމަ ފުޓްބޯޅައިގެ އުންމީދެކެވެ. އުމުރުން ހަތަރު އަހަރުގައި ފުޓްބޯޅަ އެކަޑަމީއަށް އޭނާ ގެންގޮސް ވެއްދި އެވެ. އޭރު މަގްސަދަކަށްވީ ޓެބްލެޓާއި ފޯނާއި ޓީވީގެ ސްކްރީންގެ ދަޅައިން ދުރަށް ޖައްސައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމެވެ. ޓީސީގެ ފުޓްބޯޅަ އެކަޑަމީގައި އޭނާ ތަމްރީން ހަދަމުން ދިޔައީ ވާދަކުރާނެ ރަސްމީ އެކަޑަމީ މުބާރާތެއް ނެތި އެވެ. ދެން އައީ އޭނާގެ ކެރިއަ ބަދަލުވި ހިސާބެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ބާސްކެޓްބޯޅަ ޓީމު 2017 ގައި އެކުލަވާލަން ކުދިން ހަމަކުރަން ޖެހުމުން އައިކްގެ ގަޔަށް ހެޔޮވަރުކޮށްލަން ޖެހުނީ ބާސްކެޓްބޯޅައިގެ ބެނިއަމް އެވެ.

އެ ސްކޫލްގެ ބާސްކެޓް ޓީމާ އެކު އޭނާގެ އަތުގައި ހިފީ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑަކަށް ވެސް ކުޅުނު އިލްޔާސް އިބްރާހިމް (އިއްލަ) ގެ އިތުރުން މޫސާ އަލީ އެވެ. ސްކޫލް މުބާރާތަށް އިއްލަ އާއި މޫސަ ތަމްރީންކުރި ޓީމުގައި ބާސްކެޓްބޯޅަ އަށް މުޅިން އާ އައިކް މޮޅު ކުޅުމެއް ދެއްކި އެވެ. ދެން އެހިސާބުން ކުޅިވަރު ބަދަލުވީ އެވެ. އަލުން ފުޓްބޯޅައިގެ ޓްރޭނިންތަކަށް އޭނާ ދާނެ ކަމަށް ބަލައި އޭނާގެ މައިންބަފައިން ދިޔައީ ޓީސީ އެކަޑަމީ އަށް ފައިސާ ވެސް ދައްކަމުންނެވެ. އޭގެ ފަހުން ފުޓްބޯޅައިގެ އެކަޑަމީ މުބާރާތްތައް ފުރަތަމަ ފަހަރަށް އެފްއޭމުން ފަށައި ޓީސީ އެކަޑަމީއަށް އަލުން އައިކް ގެންދަން އެ އެކަޑަމީގެ ކޯޗުން ވެސް ބޭނުންވި އެވެ.

އިއްލަ އާއި މޫސަ ކޯޗު އަޅައި ދިން ބިންގަލުގެ މަތީގައި ބާސްކެޓްބޯޅައިގެ ކުރިމަގަށް އުންމީދީ ތަރިއެއް ނެރެދިނެވެ. އުމުރުން 10 އަހަރުގައި ކުޅެން ފެށި ކުޅިވަރުގައި އައިކް އަދި ހޭދަ ކުރީ ފަސް ވަރަކަށް އަހަރެވެ. އެކަމަކު އެ ކުޅިވަރުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ލިސްޓްގެ ކުރިން އައިކް ޖާގަ ހޯދަ އެވެ.
"މިހިސާބަށް ވެސް މިއައީ މޫސަ ކޯޗާއި އިއްލަ ކޯޗުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ނުކުތީ ދެން އައިކްގެ ޑިވެލޮޕެމަންޓަށް ވަރަށް ބޮޑަށް މަފާޒު ކޯޗު ވަރަށް ބޮޑު ހިތްވަރެއް ދިން،" އައިކް ބުންޏެވެ.
ބާސްކެޓްގައި ކުރު މުއްދަތެއް އަދި ހޭދަވިޔަސް އައިކަށް މީ ބޮޑު ދަތުރެކެވެ. ބާސްކެޓްގެ އެންމެ ސީނިއާ ކުޅުންތެރިންގެ އެހީ އޭނާއަށް ލިބުން ވީ އިތުރަށް މި ކުޅިވަރަށް އޭނާގެ ހިތްޖެހުނު ސަބަބަކަށެވެ.
ދެވަނަ ޑިވިޝަންގައި މި އަހަރު ކްލަބް ޓެލަންސްއިން އޭނާ އަށް ފުރުސަތު ފަހިކޮށް ދީ ފައްކާ ކޮށް ދިނީ އެއްވަނަ ޑިވިޝަނުގައި ވެސް ކުޅެމުން އަންނަ މަފާޒު މުހައްމަދެވެ. އޭނާ ބުނީ ރާއްޖޭގެ ބާސްކެޓްގައި އެންމެ ޕޮޓެންޝިއަލް ހުރި ކުޅުންތެރިޔަކީ އައިކް ކަމަށެވެ.
"އަޅުގަނޑަށް ފެނުނު ތަނުގައި ޖޫނިއާ ލެވަލްގެ އެންމެ ޕޮޓެންޝިއަލް ހުރި ކުޅުންތެރިޔާ. މިހާރު އައިކް ޑިވެލޮޕްވަމުން އިމްޕްރޫވް ވަމުން އަންނާތީ ކޮންމެ މަގާމަކަށް ވެސް އޭނާ އަށް ކުޅެވޭނެ،" މަފާޒު ބުންޏެވެ.
މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ގިޔާސުއްދީންގެ ޓީމު މުބާރާތުން ވަކިވާން ޖެހުނީ ހިތްދަތި ގޮތަކަށެވެ. އައިކް ފައުލް އައުޓްވެ ކޯޓުން ފައިބަން ޖެހުނު ވަގުތު މެޗު އަތުން ދޫވީ އެވެ. އެކަމަކު އޭނާ އެ މުބާރާތަށް ނުކުތީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގައި ކުޅެނިކޮށް ފަޔަށް ލިބުނު އަނިޔާ ހަމަ ރަނގަޅުވިތަނުންނެވެ. މެޗު ފިޓްނަސްއެއް ނެތި އެވެ.
"ކޯޗުން ވެސް ބުނި އައިކް ކައިރީގައި މި މުބާރާތް ނަގައްޗޭ ރިކަވަރީއެއް ގޮތަށް. އައިކްގެ ފައިން ޕްލާސްޓަރު ނައްޓާލީ ވެސް ޖެނުއަރީ ފުރަތަމަ ވީކްގައި،" އައިކްގެ މަންމަ މުނީޒާ ބުންޏެވެ.
ކުޅިވަރާއި ކިޔެވުން އެއް ހަމައެއްގައި މެނޭޖުކޮށްގެން ގެންދާ އައިކް ސްކޫލް މުބާރާތާ މެދު އުންމީދުކުރީ ޣިޔާސުއްދީނަށް ކާމިޔާބު ކޮށްދިނުމަށެވެ. އެންމެ ފަހު މެޗުގައި ފައުލް އައުޓްވެގެން އޭނާ ކޯޓުން ބޭރުގައި ހުންނަން ޖެހި ބަލިވެގެން ދިއުން ފަސޭހަ ކަމެއްގެ ގޮތުގައި އޭނާއަކަށް ނުނެގުނެވެ.
"ވަރަށް ޑިސަޕޮއިންޓްވި ވަގުތެއް އެއީ. ކޮންމެ ވެސް ވަރަކަށް ރޮވެން ވެސް ރޮވުނު،" އިންޓަ ސްކޫލް މުބާރާތުން ޣިޔާސުއްދީން ކެޓުމުން އެކަމާ ހިތްދަތިވި އައިކް ކިޔައި ދިނެވެ.
ކުޅިވަރު ވެސް އަދި ކިޔެވުން ވެސް ސީރިއަސްކޮށް ނަގާ ދަރިވަރަށް އިއްލަ އޮތީ ތައުރީފެވެ. އޭނާ ބުނީ އެ އުމުރު ފުރައިގައި ރާއްޖޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި އައިކްގެ ނަން ހިމަނާ ކަމަށެވެ.
"އައިކްގެ މައިންބަފައިން ވެސް ނޭޗާކޮށް އެހެން ކޯޗުންގެ އެހީތެރި ކަމާ އެކު ވަރަށް ޑިސިޕްލިން ކުޅުންތެރިޔެއްގެ ގޮތުގައި ފެންނަ އުންމީދީ ކުޅުންތެރިޔެއް،" ބާސްކެޓްގެ ތެރެއަށް އައިކް ނެރެ ދިން އިއްލަ ބުންޏެވެ.
ފަސް ވަރަކަށް އަހަރު ރާއްޖޭގެ ބާސްކެޓްގެ ޖޫނިއާ ލެވަލްގައި އުންމީދީ ކުޅުންތެރިޔެއްގެ ގޮތުގައި އައިކް ފެނުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާ އަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިންނާ އެކު ކުޅުން ކަމަށް އިއްލަ ބުންޏެވެ.
"އައިކް ކުޅޭނީ އަބަދުވެސް އޭނަ އަށް ވުރެ ދެ އަހަރެއް ވަރު ދޮށީ ކުޅުންތެރިންނާ ދެކޮޅަށް،" އުމުރުން 13 އަހަރުގައި 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން ސާބާ ޗެމްޕިއަންޝިޕްގައި ވާދަ ކުރި ދިވެހި ޒުވާން ޓީމުގައި ކުޅުނު އައިކް އާ ބެހޭ އިއްލަ ބުންޏެވެ.
ތްރީ އޮން ތްރީ ބާސްކެޓްގެ ޖޫނިއާ މުބާރާތްތަކުގައި ވިދަމުން އަންނަ ކުޅުންތެރިޔާ ފީޒީކް އާއި ފިޓްނަސް އަށް ދޭ ސަމާލުކަމުގައި، ފިޒީ ޑްރިންކް އަދި ފާސްޓް ފުޑް އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެ އެވެ. އައިކް ބުނީ އެއީ އެތުލީޓެއްގެ ލައިފް ސްޓައިލާ ދުރު ކަންތައްތަކެއް ކަމަށެވެ.
ތްރީ އޮން ތްރީ ބާސްކެޓްގައި "އަން ސެޓިފައިޑް" ގެ ނަމުގައި މުބާރާތްތަކުގައި އައިކް ވާދަކުރާ ކްލަބް އޮތީ ތްރީ ތްރީގައި ސެޓިފައިޑް ކުރެވޭވަރުގެ ކާމިޔާބުތަކެއް ހޯދާފައިވާ ކްލަބެއްގެ ގޮތުގަ އެވެ.
ތްރީ އޮން ތްރީގައި ލަންކާގައި ބޭއްވި މުބާރާތެއްގައި ވެސް ކުޅުނު އައިކްގެ އުންމީދުތައް ހުރީ ބާސްކެޓްގެ ރަނަށެވެ. ރާއްޖޭގެ ބާސްކެޓްގައި ބައިނަލްއަގުވާމީ މުބާރާތަކުން އަދި ރަން މެޑަލްއެއް ނުލިބެ އެވެ.
"އެންމެ ބޮޑު އުންމީދަކީ އައިކް ހުރެގެން ރާއްޖެއަށް ގޯލްޑް މެޑައްޔެއް ގެނެސް ދިނުން،" އޭނާ ބުންޏެވެ.
ބާސްކެޓްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އަރަމުން އަންނަ ޒުވާން ޖީލްގެ ކުޅުންތެރިންގެ ތެރޭގައި ސަރަހައްދީ މުބާރާތްތަކުން ރަން މެޑަލް ގެނެވޭނެ ވަރުގެ ޓީމެއް އެކުލަވައިލެވޭނެ ވަރުގެ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އެ ލިސްޓްގެ އެންމެ ކުރިން އައިކް ޖާގަ ހޯދާނެ ކަމަށް ތަޖުރިކާރު ކޯޗުން ވެސް އުންމީދު ކުރެ އެވެ.