16 ފެބުރުއަރީ 2023 - 22:54

ދިވެހި ފިލްމުތަކަށް ހާއްސަ ކޮށްފައިވާ ސިނަމާ، އޮލިމްޕަހުގައި އަހަރުތަކަކަށް ފަހު ބޭރުގެ ފިލްމުތައް ވެސް އަޅުވަން ނިންމައިފި އެވެ.

މަރާމާތަށް ފަހު ބޮޑެތި ބަދަލުތަކާއެކު މި މަހުގެ ފަސްވަނަ ދުވަހު ހުޅުވި އޮލިމްޕަހުގައި ބޭރުގެ ފިލްމުތައް އަޅުވަން ނިންމީ، ސްޓާ ސިނަމާއިންނެވެ. އެންމެ ފުރަތަމަ ބޭރު ފިލްމު މާދަމާ ހަވީރު އަޅުވާނެ އެވެ.
ސްޓާ ސިނަމާ އިން ބުނީ، މާދަމާގެ ހަވީރު 4:00 ގައި އަޅުވަން ހަމަޖެހިފައި ވަނީ ބޮލީވުޑްގެ ތަރި، ކާތިކް އާރިއަން އަދި ކްރީތީ ސަނޫން ލީޑުން ފެންނަ ފިލްމު "ޝެހެޒާދާ" ކަމަށެވެ. އެ ފިލްމު އިންޑިއާ އަދި އެހެން ހިސާބުތަކުގައި ރަސްމީކޮށް ޕްރިމިއާ ކުރަނީ ވެސް މާދަމާ އެވެ.
"ޝެހެޒާދާ" ފިލްމަކީ 2020 ވަނަ އަހަރު ނުކުތް، އައްލު އަރްޖުން އަދި ޕޫޖާ ހެޖް ލީޑުން ފެނުނު "އަލާ ވައިކުންތަޕުރަމުލޯ" ގެ ހިންދީ ރިމޭކެކެވެ.
ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުގައި ވިއްކަމުން އަންނައިރު 7201199 އަށް ގުޅައިގެން ވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ސްޓާ ސިނަމާ އިން ބުންޏެވެ. އޮލިމްޕަހުން ޓިކެޓު ގަނެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި ރޭގަނޑު 11:30 އާ ދެމެދު އެވެ. ފިލްމުގެ ޓިކެޓެއްގެ އަގަކީ 130ރ. އެވެ.
"ޝެހެޒާދާ" ފިލްމުގެ ޝޯތައް އޮލިމްޕަހުގައި އަޅުވާނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. ފިލްމަށް އޮތް ޑިމާންޑަށް ބަލައި ދުވަސް އިތުރުކުރާނެ ކަމަށް ސްޓާ ސިނަމާ އިން ބުންޏެވެ.
ކުރިމަގުގައި، ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑާއި ތަމަޅަ ފިލްމާއި ޓެލުގޫ އަދި ފިލިޕީންސް ފަދަ ގައުމުތަކުގެ ފިލްމުތައް ވެސް ސްޓާ ސިނަމާގެ ފަރާތުން އޮލިމްޕަހުގައި އަޅުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޮލިމްޕަހުގެ ތިއޭޓާ އަށް މި ފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި ފަހުގެ 7.1 ޑޮލްބީ ސައުންޑް ސިސްޓަމަކާއެކު، ޒަމާނީ ސްކްރީނަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އޮލިމްޕަހުގައި މިހާރު ދައްކަނީ ދިވެހި ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ބީވީމާ" ފިލްމެވެ. އެއީ މަރާމާތަށް ފަހު، އެ ތަނުގައި އެޅުވި ފުރަތަމަ ފިލްމެވެ. އޮލިމްޕަހުގައި ދެން އެންމެ އަވަހަށް އަޅުވާނެ ދިވެހި ފިލްމަކީ، އަންނަ މޭ މަހުގެ ތިން ވަނަ ދުވަހު ޕްރިމިއާ ކުރާ، އެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ.