އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީންގެ ދަރަޖައިގައި ހުސައިން ހަރުފަތެއް މައްޗަށް
އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީންގެ ދަރަޖައިގައި ހުސައިން ހަރުފަތެއް މައްޗަށް

އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީ ރާއްޖޭގެ ހުސައިން މުހައްމަދުގެ ރެފްރީ ކަމުގެ ދަރަޖަ މަތިވެއްޖެ އެވެ.

އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީންގެ ދަރަޖައިގައި ހުސައިން ހަރުފަތެއް މައްޗަށް
އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީންގެ ދަރަޖައިގައި ހުސައިން ހަރުފަތެއް މައްޗަށް

ދުނިޔޭގެ ވޮލީ މައި އިދާރާ، އެފްއައިވީބީގެ ބީޗް ވޮލީގެ ދަރަޖަ ކުރުމުގައި ހުސައިން މިހާތަނަށް އޮތީ ގްރޭޑް ޑީގަ އެވެ. އޭޝިއާގެ ވޮލީބޯޅަ އިދާރާ، އޭވީސީން މިއަދު ވަނީ އޭނާގެ ދަރަޖަ ގްރޭޑް ސީ އަށް މަތިކޮށްފަ އެވެ.

އެފްއައިވީބީގެ ބިޗް ވޮލީގައި ތަފާތު ފަސް ދަރަޖައެއް އޮވެ އެވެ. އެންމެ ފުރަތަމަ ލެވަލަކީ ކެނޑީޑޭޓް ލެވަލް އެވެ. އެއަށް ފަހު ގްރޭޑް ޑީ އެވެ. ދެން ގްރޭޑް ސީ، ގްރޭޑް ބީ އަދި ގްރޭޑް އޭ އެވެ.

އެފްއައިވީބީ ބީޗް ވޮލީ ރެފްރީކަމުގެ ކޯސް 2012 ގައި ފުރިހަމަ ކުރި ހުސައިން، ކެނޑިޑޭޓް ލެވަލްގައި ދެ އަހަރު ހޭދަ ކުރި އެވެ. އެއަށް ފަހު އޭނާގެ ދަރަޖަ ގްރޭޑް ޑީ އަށް މަތި ކުރީ 2014 ގަ އެވެ. ގްރޭޑް ސީ އަށް އޭނާގެ ދަރަޖަ މަތިވީ 9 އަހަރު ފަހުންނެވެ.

އެފްއައިވީބީ ބީޗް ވޮލީ ރެފްރީ ކަމުގެ މަރުހަލާތައް ކަޑަތު ކުރުމަށް ދިގު މުއްދަތެއް ހޭދަ ވެ އެވެ. މިއަދު ހުސައިން އާއެކު ގްރޭޑް ސީ އަށް މަތި ކުރި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރެފްރީ ޚާލިދު އަލްހަންތޫބީ އެފްއައިވީބީ ބީޗް ވޮލީ ރެފްރީ ކަމުގެ ކޯސް ހެދީ 2004 ގައި ކަމަށް ވެއެވެ. މިއަދު ގްރޭޑް ސީ އަށް ދަރަޖަ މަތި ކުރި އަނެއް ދެ ރެފްރީންނަކީ ގަތަރުގެ އަހުމަދު އަބްދުﷲ އޮސްޓްރޭލިއާގެ އަންހެން ރެފްރީ ތާނިޔާ ކޮވަލްޑް އެވެ. ގްރޭޑް ބީ އާއި އޭ ގެ ބީޗް ވޮލީ ރެފްރީން އޭޝިއާގައި ނިސްބަތުން މަދެވެ.

ޖަޕާނުގައި 2018 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ ޖޫނިއާ މުބާރާތުގައި ރެފްރީކަން ކުރި ހުސައިން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގްރޭޑް ބީ އަށް ދަރަޖަ މަތި ކުރުމަކީ އޭނާގެ އުންމީދެއް ކަމަށެވެ.

ގްރޭޑް ސީ އަށް އޭނާގެ ދަރަޖަ މަތިވުމުން އިންޓަނޭޝަނަލް މުބާރާތްތަކުގެ ތެރެއިން މަތީ ކެޓަގަރީގެ މުބާރާތްތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ކުޅިވަރު ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ހުސައިން ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވާ ހުސައިން ވަނީ 2017 ގައި ޗައިނާގައި ބޭއްވީ 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފަ އެވެ. މިދިޔަ އަހަރު އިންގްލެންޑްގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އަކީ މިހާތަނަށް ހުސައިން ރެފްރީކަން ކުރިން އިންޓަނޭޝަނަލް އެންމެ ބޮޑު ގޭމްސް އެވެ. އެ ގޭމްސްގެ ނުވަ މެޗުގައި އޭނާ އޮފިޝަލްކަން ކުރި އެެވެ.

ވީއޭއެމްގެ ޖެނަރަލް ސެކެރެޓަރީގެ މަގާމު ވެސް އަދާ ކުރެއްވި ހުސައިން ވަނީ އޭޝިއަން ބީޗް ގޭމްސްގައި 2016 އަދި 2014 ގައި ވެސް ރެފްރީކަން ކޮށްފަ އެވެ. މި އަހަރު ބާއްވަން ހަމަޖެހިފައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަންގެ މަގާމަށް ހަމަޖައްސާފައިވާ ހުސައިން ވަނީ 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗު ވޮލީގެ ރެފްރީންގެ ބަލަހައްޓާ އިސް ޑެލިގޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މުހިންމު މެޗުތަކަށް ވެސް އިންސާފު ކުރި އެވެ. ލަންކާގައި 2021 ގައި ބޭއްވި ސެންޓްރަލް އޭޝިއަން ބީޗް ވޮލީ މުބާރާތުގައި ވެސް ރެފްރީގެ އިސް ޑެލިޣޭޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވީ ހުސައިންނެވެ.