މީދާ ހުސްކުރަން ބްރޯޑްކޮމް މިއަދު ބަންދު
މީދާ ހުސްކުރަން ބްރޯޑްކޮމް މިއަދު ބަންދު

ގ. ބިއްލޫރިޖެހިގޭގައި ހިންގާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އޮފީހުގައި މީދަލުގެ އުނދަގޫ ބޮޑުވެގެން މީދާ ހުސްކުރަން އެތަން މިއަދު ބަންދުކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ "މިހާރު" އަށް ވިދާޅުވީ އޮފީހުގައި މީދާ ގިނަވެ، މުވައްޒަފުންނަށް އުނދަގޫ ވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިއަދު އެ އޮފީހުގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ނިންމީ މީދަލުގެ މައްސަލަ ހައްލުކުރުމަށް ޕެސްޓް ކޮންޓްރޯލް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"ވަރަށް ބާ އިމާރާތެއްވީމާ، ފެށުނީއްސުރެ ވެސް މީދަލުގެ އުނދަގޫ ވަރަށް ބޮޑު. މުވައްޒަފުންނަށް ޓީ ރޫމްގައި ވެސް ނުތިބެވިގެން މިއަދު ނިންމީ އޮފީސް ބަންދުކުރަން. އެއީ ޕެސްޓް ކޮންޓްރޯލްގެ މަސައްކަތް ހުކުރު ހޮނިހިރުގައި ނުކޮށްދޭތީ، މިއަދު އެކަން ކުރުމަށް. އެހެންވެ އަންނަ އާދިއްތަ ދުވަހު އޮފީސް ހުޅުވާނެ،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތަކީ ސަލާމަތީ ގޮތުން ވެސް ރައްކާތެރި ތަނެއް ނޫން ކަމަށާއި އަލިފާން ނިއްވަން ބޭނުންކުރާ އެއްވެސް އެއްޗެއް ނުހުންނަ ކަމަށެވެ. އެކަމާ ބެހޭ ގޮތުން، ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރިޔަސް އެއްވެސް ހައްލެއް ނުލިބޭ ކަމަށް މަރީ ވިދާޅުވި އެވެ.

އެ އިމާރާތުގައި މީގެ ކުރިން ޖެންޑާ މިނިސްޓްރީގެ ބައެއް ވެސް ހިންގި އެވެ. ނަމަވެސް މީދަލުގެ އުނދަގޫ ބޮޑުވެ އެތަން ވަނީ އެހެން އިމާރާތަކަށް ބަދަލުކޮށްފަ އެވެ.