އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ދެ މުވައްޒަފެއްގެ ބަޔާން އެޗްއާރުސީއެމުން ނަގަނީ
އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ދެ މުވައްޒަފެއްގެ ބަޔާން އެޗްއާރުސީއެމުން ނަގަނީ

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޖެންޑަ މިނިސްޓްރީގެ ދެ މުވައްޒަފެއްގެ ބަޔާން ނެގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމައިފި އެވެ.

އެޗްއާރުސީއެމުން ޖެންޑާ މިނިސްޓްރީއަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ލިޔުމެއްގައި ވަނީ އިބްތިހާލްގެ މަރުގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގަށް އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެ މިނިސްޓްރީގެ ދެ މުވައްޒަފުން އެޗްއާރުސީއެމަށް ހާޒިރުކޮށްދޭން އެދިފައިވެ އެވެ.

އެއީ އެ ތަނުގެ ޑިރެކްޓަރު މުހައްމަދު ޝަކީބާއި ސީނިއަ ސޯޝަލް ސާވިސް އޮފިސަރު މުހައްމަދު ރަޝީދެވެ. މި ދެ މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރަނީ އެ މިނިސްޓްރީގަ އެވެ.

މިކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝަކީބާއި ރަޝީދު އެޗްއާރުސީއެމަށް ހާޒިރު ކުރަނީ މާދަމާ އެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ޝަކީބާއި ރަޝީދާ އެކު ދައުލަތުގެ ތިން މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެއީ ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރާއި އެ ހާދިސާ ހިނގިއިރު ޖެންޑަ މިނިސްޓްރީގައި މަސައްކަތްކުރި އައިމިނަތު ޝިޔާޒާ އަދި އަހުމަދު ޝުޒާދު އެވެ.

މަންމަ އާފިޔާ މުހައްމަދު، އިބްތިހާލަށް ކުރި އަނިޔާތައް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސް އޮއްވައި، މަންމަގެ އަނިޔާވެރިކަމުގައި އިބްތިހާލް މަރުވުމުން އާންމުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ވެސް ދައުލަތުގެ މުއައްސަސާތަކަށެވެ.

އިބްތިހާލްގެ މަރަށް ދެ އަހަރު ފުރުނު ތަނާހެން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، މިއީ މިފަދަ މަރެއްގައި ދައުލަތުގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ބުނެ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ޖިނާއީ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ދައުލަތުގެ އިހުމާލު ހިމެނޭ ކަންކަމުގައި މިފަދަ ޖިނާއީ ދައުވާތައް އުފުލުމުގެ ބަދަލުގައި އިހުމާލުވި މުވައްޒަފުންނާ މެދު އަޅާފައި ވަނީ އިދާރީ ފިޔަވަޅުތަކެވެ.

ލިސާން ފިޔަވައި ބާކީ ތިބި މީހުންގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާއާ ބެހޭ ގާނޫނާ ހަވާލާދީ، ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ލިސާންގެ މައްޗަށް ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ގެވެށި އަނިޔާއާ ބެހޭ ގާނޫނުގެ އިތުރުން، ފުލުހުންގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.