މައުމޫން މިރޭ ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފި
މައުމޫން މިރޭ ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެކަން ފުލުހުން އަންގައިފި އެވެ.

"ޕީޕީއެމްގެ ދިރުން، މެމްބަރުންގެ ހިޔާލު"ގެ ނަމުގައި ކުރީގެ ރައީސް މައުމޫން ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެކަން ފުލުހުން އެންގީ މައުމޫން ފައުންޑޭޝަންގެ އޮފީސް ހިންގާ ހ. ފުލިދޫގެ އަށް ގޮސް ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ. މިރޭގެ ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އަދި މިހާރު މައުމޫން ޕާޓީގެ މަސައްކަތްތައް ކުރައްވާ ހ. ތެމާގަ އެވެ.

މައުމޫންގެ ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ ފުލުހަކު މިއަދު މެންދުރުފަހު ފުލިދޫގެ އަށް ދިޔައިރު މައުމޫން އޮފީހުގައި ނޫޅުއްވާތީ، ފުލުހުން އެކަން އެންގީ އޭރު އެ އޮފީހުގައި ހުންނެވި މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫނަށެވެ. އަދި އެ މައުލޫމާތު މައުމޫނާ ހިއްސާ ކުރެއްވުމަށް ފާރިސްގެ ކިބައިން ފުލުހުން އެދުނު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، މިރޭގެ ހަފުލާ ނުބާއްވަން ފުލުހުން އެންގި ސަބަބެއް ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

މީގެ ކުރިން، ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރަން މައުމޫން ބާއްވަން އުޅުއްވި ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕާޓީގެ ކައުންސިލް ނުބޭއްވި ވަނިކޮށް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެހެންވެ، ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވެންދެން ޕާޓީ ހިންގާނީ ރައީސް ޔާމީނެވެ.