15 ފެބުރުއަރީ 2023 - 12:37

އީ-ޓުކުރިން، ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.
އެ މުބާރާތަކީ ކުދިންގެ ހުނަރު ތަރައްގީކޮށް، އެ ކުދިންނަށް ހިތްފަސޭހަ މާހައުލެއްގައި ކުރެހުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށް އީ-ޓުކުރިން ބުންޏެވެ. މުބާރާތް އޮންނަ ދުވަހު، މުބާރާތް އޮންނަ ތަނަށް ގޮސް ކުރަހަން ބޭނުންވާ ހުރިހާ ކުދިންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ރުއްގަނޑު-1 ސަރަހައްދުގަ އެވެ. މުބާރާތް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4-6 އަށެވެ.
މުބާރާތުގައި ކުރެހުމާއި ޕެއިންޓިން ހިމެނޭނެ އެވެ. އެންމެ މޮޅު ތިން ކުރެހުމެއް ހޮވައި އެ ތިން ކުރެހުމަށް ވެސް 500ރ. ގިފްޓް ވައުޗަރެއް ދޭނެ އެވެ.
އީ-ޓުކުރި އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އޮންލައިން ވިޔަފާރިތައް ކުރެވޭ ގޮތަށް ހަދާފައިވާ ޕްލެޓްފޯމެވެ.