ވިކްޓްރީގެ ރަންޔޫބީލް ފާހަގަކުރަން އިންޑިއާ ދެ ކްލަބް ގެންނަނީ
ވިކްޓްރީގެ ރަންޔޫބީލް ފާހަގަކުރަން އިންޑިއާ ދެ ކްލަބް ގެންނަނީ

ވިކްޓަރީ ސްޕޯޓްސް ކްލަބަށް 50 އަހަރު ފުރުން ފާހަގަ ކުރަން އިންޑިއާގެ ދެ ކްލަބަކަށް ދައުވަތު ދީގެން މާލޭގައި މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މެދުކެނޑުމެއް ނެތި ރާއްޖޭގެ ކުޅިވަރަށް އެންމެ ގިނަ މުއްދަތެއްގައި ހިދުމަތް ކުރި ކްލަބް އުފެއްދީ ޖުލައި 1971 ގައި އެ ކްލަބްގެ ލެޖެންޑްރީ ޗެއާމަން މަރްހޫމް މައިނާ އިބްރާހިމް ރަޝީދު އިސްނެންގެވުމުގެ މަތިންނެވެ.

ވިކްޓަރީ އަށް 50 އަހަރު ފުރުނީ 2021 ގަ އެވެ. ނަމަވެސް ފުޓްބޯޅަ އަށް މަޝްހޫރު ކްލަބް އޭރު އޮތީ އެފްއޭއެމްގެ ސަސްޕެންޝަނެއްގަ އެވެ. އެ ކްލަބްގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު އާދަމް ބުނީ 50 އަހަރު ބައްދަލު ކުރި އިރު ކޮވިޑް-19 ގެ ހާލަތުގައި އޮތުމުން އެކަން ފާހަގަ ނުކުރެވުނު ކަމަށެވެ.

އެހެންވެ މި އަހަރު އެކަން ފާހަގަ ކުރަން އިންޑިއާގެ ދެ ކްލަބަކަށް ދައުވަތު ދީގެން ރާއްޖޭން ހަތަރު ކްލަބް ބައިވެރިކޮށްގެން މުބާރާތެއް ބާއްވަން މަސައްކަތް ކަމަށް އޭނާ ބުންޏެވެ. ކުރިން އެފްއޭއެމްގައި ވެސް މަސައްކަތް ކުރި މުހައްމަދު ބުނީ އެކަމާ ބެހޭގޮތުން އެފްއޭއެމް އާ ވެސް މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ބޭރުގެ ކްލަބްތަކަށް ދައުވަތު ދީގެން ކޮންމެ އަހަރަކު ޕޮމިސް ކަޕްގެ ނަމުގައި މުބާރާތެއް ރާއްޖޭގައި މީގެ ކުރިން ބާއްވާފައި ވެއެވެ. އެގޮތުން 1987 ގައި ބާއްވަން ފެށި މުބާރާތުގެ ފުރަތަމަ ދެ އަހަރު ކާމިޔާބު ކުރީ ބޭރުގެ ކްލަބްތަކުންނެވެ. އެ މުބާރާތް އެންމެ ފުރަތަމަ ކާމިޔާބު ކުރި ދިވެހި ޓީމަކީ ވިކްޓަރީ އެވެ.

ގާތްގަނޑަކަށް 16 އަހަރު ވަންދެން ބޭއްވި މުބާރާތް އެންމެ ފަހުން ބޭއްވީ 2003 ގަ އެވެ. އޭގެ ފަހުން ބޭރުގެ ކްލަބަކަށް ދައުވަތު ދީގެން ކްލަބް މުބާރާތެއް ބޭއްވީ 2015 ގަ އެވެ. ގައުމީ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އޭރު ކުޅުނު މެލޭޝިއާގެ ޕީޑީއާރްއެމް އާއި ސިންގަޕޫރު ލަޔަންސް ވާދަ ކުރި މުބާރާތުގައި އޭރު ރާއްޖެއިން ވާދަ ކުރީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. ޕީޑީއާރްއެމުން އެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި މާޒިޔާ ބަލި ކުރުމަށް ފަހު އެވެ.