މަރިޔަން
މަރިޔަން

އާދިއްތަ ދުވަހާ ގުޅޭ

ހުރިހައި ހަރަކާތެއް ހުއްޓުމުން، ދެ އަތަކަށް ހެލިލާފައި، ހުރި ތަނަށް ޒިޔާދާ ދެމުނެވެ. ޔުމްނާ ލައްވައި ޒިޔާދާ ގެންގޮސް އެނދުގައި ބޭއްވީމެވެ. އޭނަ ނޭވާލައެވެ. އެކަމަކު، އެތައް ފަހަރަކު ގޮވުމުން ވެސް ލޮލެއް ނުހުޅުވިއެވެ. އަހަންނަކީ ރާގީއެއް ނޫނެވެ. ހިތަށްއެރިއެވެ. ސިހުރާ ބެހޭ ގޮތުން ކުޑަކޮށް ނަމަވެސް ތަންދޮރު އޮޅުންފިލާފައިހުރިކަން ނަސީބެކެވެ. ޒިޔާދާއަށް ނޭވާ ލެވޭ ވަރު ކޮށްދެވިއްޖެއެވެ. އެ އައި އެއްޗެއް ފައްސައިލެވިއްޖެއެވެ.

ވިއްސަކަށް މިނެޓުވީ އިރު ވެސް، ހަރަކާތެއް ނެތިފައި ޒިޔާދާ އޮތީއެވެ. ޒިޔާދާއަށް ފެންފުޅި ދިނީ ކޮން ރާގީއެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ނަމަ އޭނަގެ އެހީއަށް އެދި ގުޅައިލެވުނީހެވެ. ޒިޔާދާ ގާތުގައި އަހަރެންގެ އަންހެނުން ޔުމްނާއާއި، ޒިޔާދާގެ ކޮއްކޮ އަފުނާން ތިއްބެވެ. ދެލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެ މީހުން ބުނާހެން ހީވާ ކަހަލައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ކާކުބާ ޒިޔާދާއަށް ރުގުޔާކުރީ؟" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

"މަދީހު! ވެއިޓް! މަންދޫހު!" ހަނދާންކުރަމުން އަފުނާން ބުންޏެވެ. "އެ ކަހަލަ ނަމެއް ބުނީ. ކޮބާ ދޮންތަ ފޯނު؟ އެ ނަންބަރު ފެނުނީމަ އަހަންނަށް އެނގޭނެ. މިރޭ ވެސް ގުޅިއޭ."

ޒިޔާދާގެ ފޯނު ދިނުމުން، ވަރަށް ފަސޭހައިން އަފުނާން ފޯނުގެ ފާސްބަސް ޖަހައިފައި ފޯނު ހުޅުވިއެވެ. ގުޅާފައިހުރި ނަންބަރުތައް ބެލިއެވެ. އެ ދަނޑިވަޅު ޒިޔާދާ ލޯހުޅުވައިލިއެވެ. ވާހަކަދައްކަން ފެށިއެވެ.

"ބޮލަށް ތަދުވަނީ،" ޒިޔާދާ ބުންޏެވެ. "ފެންބޮވަނީ!"

އަހަރެން ފެން ގެނައީމެވެ. ޒިޔާދާއަށް ފެންދީ، ބޮލުގައި ފެން އުނގުޅައި، ބޯމޮޑުމުގެ މަސައްކަތް ޔުމްނާޔާ ހަވާލުކުރީމެވެ. ރާގީއަށް ގުޅޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަންބަރު ހޯދީ އަފުނާންއެވެ. އޭނަގެ ނަމަކީ ބަދީއުއެވެ. ބަދީއުއަށް ގުޅުނެވެ. އެކަމަކު ފޯނެއް ނުނަގައެވެ. މެސެޖު ވެސް ފޮނުވީމެވެ. ޖަވާބެއް ނައެވެ.

"އަހަރެން އަޑުއަހާފަ އޮންނަ ގޮތުން، މި ކަހަލަ ކަންތައްވީމަ ނިދާކަށް ނުވާނެ،" އަހަރެން ބުނީމެވެ. "އިރުއަރަންދެން ހޭލާތިބެންވާނީ. ނިދައިފިއްޔާ ވަރަށް ޖެއްސުންކުރާނެ. އަފުނާން ދޭ ކޮފީހަދަން."

އަހަރުމެން އެންމެން ހޭލާތިބީމެވެ. އެއީ ދިގު ރެޔެކެވެ. ޒިޔާދާއަކަށް އިތުރު ކަމެއް ނުވެއެވެ. ބޮލުގަރިހުން ފިޔަވައެވެ. އެ ރިހުން ކެނޑޭ ގޮތެއް ނުވިއެވެ. ދޭތެރެއަކުން ގަދަވެއެވެ. ބައެއް ފަހަރު މެދުކެނޑެއެވެ. އެކި ފަހަރު ރިއްސަނީ ބޮލުގެ އެކި ދިމާގައެވެ. އެހެން ތިބުމުގެ ތެރޭގައި އެކި ވާހަކަދައްކަމުން ގޮސް، ބުނަން ނުވާ ކަހަލަ އެއްޗެއް އަހަންނަށް ބުނެވުނެވެ.

"ކާކުހެން ހީވަނީ ޒިޔާދާއަށް ސިހުރުހަދާނީ؟" އަހަރެން ސުވާލުކުރީމެވެ.

އަފުނާންއާއި ޒިޔާދާ، އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ. އެކަމަކު އެކަކު ވެސް އެއްޗެއް ނުބުންޏެވެ. ހީވާ ކަހަލައެވެ. ކޮންމެވެސް މީހަކާ ދޭތެރޭ އެ މީހުންނަށް ޝައްކުވެއެވެ. ދެ ފަހަރަކަށް އެ ސުވާލުކޮށްފައި ޖަވާބު ނުލިބުމުން އަހަރެން ހުއްޓައިލީއެވެ. ހިތަށްއެރިއެވެ. ނުބުނަން އެ އުޅެނީ ކޮންމެވެސް މުހިންމު ސަބަބެއް އޮތީމައެވެ.

ބަދީއުއަށް ގުޅުނީ ފަތިސްނަމާދު ބަންގި ގޮވި ވަގުތުއެވެ. އޭނަ އެދުނީ ނަމާދުކޮށްފައި އޭނަ ބުނާ އާޔަތްތަކެއް ކިޔުމަށެވެ. އެއަށް ފަހު ނިދޭތޯ މަސައްކަތްކުރުމަށެވެ. ނަމާދުކޮށް، ކިޔަވަންވާ ހުރިހާ އެއްޗެއް ޒިޔާދާ ކިޔެވިއެވެ. ނިދިއާދޭ ވެސް މެއެވެ. އެކަމަކު، ނިދަން އުޅެއުޅެ އެ ކަމެއް ނުވިއެވެ. ބޮލުގެރިހުން މަޑުނުވާތީއެވެ.

ހެނދުނު ނުވައެއްޖަހަން އުޅެނިކޮށް ބަދީއު އައެވެ. އޭނަ ގެނައި ފެންފުޅިން ފެން ފޮދެއް ބޯލުމުން ބޮލުގެރިހުން އެއްކޮށް ކަހަލަ ގޮތަކަށް ކެނޑުނެވެ. ނިދުނީ އޭގެ ފަހުންނެވެ. ވަރަށް ގިނަ އިރު ވަންދެން ޒިޔާދާ ނިދިއެވެ. އަހަރުމެން ހީކުރީ ނިދިހަމަވެގެން އޭނަ ހޭލާނެކަމަށެވެ. މެންދުރުނަމާދުގެ ކުރިން ޒިޔާދާ ހޭލިއެވެ. ކައިގެން އަނެއްކާ ވެސް ނިދިއެވެ. އަސުރުގެ ކުރިން އަނެއްކާ ވެސް ހޭލިއެވެ. އެއްޗެއް ކައިގެން އަނެއްކާ ވެސް ނިދީއެވެ. އެއްވެސް ނަމާދުވަގުތަކު ނެހޭލައެވެ. ނަމާދުކުރެވެނީ ވަގުތު ފާއިތުވާ ފަހުންނެވެ. އެ ވަރުން ވެސް ޒިޔާދާ ނަމާދުކުރެއެވެ.

ހުސެއިންއާއި ޒިޔާދާ އިނދެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެ ދެ މީހުން ނުލާހިކު ގުޅެއެވެ. ގާތްކަން އޮވެއެވެ. ދަރިޔަކު ނުލިބުނަސް ވެހެވެ. ހިނގި ހާދިސާއަށް ފަހު، ދެމަފިރިންގެ ގުޅުން ހީނަރުވާން ފެށިއެވެ. ގުޅުން ރަނގަޅުކުރަން މަސައްކަތްކުރާ ތަން ފެންނަނީ ހުސެއިންނެވެ. ޒިޔާދާ ހުންނަނީ، ކޮންމެ ގޮތެއް ވަރިހަމަވެފައެވެ. ފިރިމީހާޔާ އެއް އެނދުގަ ނިދާކަށް ޒިޔާދާ ބޭނުމެއް ނޫނެވެ. ޒިޔާދާ ގައިގަ ހުސެއިން އަތްލިޔަކަ ނުދެއެވެ. އަހަންނަށް އެ ކަން އެނގެނީ ހުސެއިންގެ ފަރާތުންނެވެ. ބައެއް ފަހަރު ޒިޔާދާ ބަލައިލާ ގޮތުން ހީވަނީ ހުސެއިންއަކީ ޒިޔާދާ ނުވެސް ދަންނަ، ދުރުހިލޭ މީހެއްހެންނެވެ. ދޭތެރެއަކުން ޒިޔާދާގެ އަޑާއި، ރާގާއި، ބަހުރުވަ ބަދަލުވެއެވެ. އަޑު ހުންނަނީ ކުޑަކޮށް ބަރުވެފައެވެ. ބަހުރުވަ ބަދަލުވަނީ ނައިފަރު ބަހުރުވައަށެވެ. އެކަމަކު ޒިޔާދާއަކަށް ނައިފަރު ބަހުރުވައެއް ނޭނގޭނެއެވެ. އެހެން ވެފައިހުންނަ ވަގުތު ޒިޔާދާ ދައްކާ އެއްވެސް ވާހަކައަކާއި، އަސްލު ޒިޔާދާއަކާ ގުޅުމެއް ނުހުރެއެވެ. ގިނައިން ދައްކާނީ ކަނޑުމަތީގައި އުޅޭ ވާހަކައާއި، ކަނޑުމަތިން ދިމާވާ ކަންތައްތަކުގެ ވާހަކައެވެ. އޮއި ގަދަކަމާއި، އަޑި ފުންކަމާއި، ފިނިކަމުގެ ވާހަކައެވެ.

އަހަރުމެންނަށް ހީކުރެވުނީ ޒިޔާދާ އިތުރަށް ވާނެ ގޯހެއް ނެތްކަމަށެވެ. އެއީ ކުށްހީއެކެވެ. ދެން ފެށުނީ މުޅީން އާ ބާބެކެވެ. އަހަރުމެން ކުރިމަތީ ނުލާހިކު ސާދާކޮށް، އިހުތިރާމާ އެކު ވާހަކަދައްކާ ޒިޔާދާގެ ބަހުރުވަ ހުތުރުވާން ފެށިއެވެ. ލަދު ހުތުރު ބަސްތައް ބޭނުންކުރަން ފެށިއެވެ. ހުތުރުވެގެން ގޮސް އެހެން މީހަކަށް ކިޔައިދޭން ނުކެރޭ ކަހަލަ ލަފުޒުތައް ދިމާއަށް ބުނަން ފެށިއެވެ. އަހަރެންނާއި އަހަރެންގެ ދަރީންގެ ކުރިމަތީގައެވެ. ކަންތައް އެ ހިސާބަށްދިޔުމުން އަހަރެންގެ ވިސްނުން ބަދަލުކޮށްލީމެވެ. ސިކުނޑިއަށް ވިސްނައިދިނީމެވެ. އެއީ ޒިޔާދާއެއް ނޫނެވެ. އޭނަގެ ސިފަޖެހިގެންހުރި، ކޮންމެވެސް އެހެން އެއްޗެކެވެ. ވީމާ، ކޮއްކޮއެއްގެ ނަޒަރުން ދެކޭކަށް ނުޖެހެއެވެ. މިނެދިން ނާޅިއަކުން އަހަރެން ވެސް މިނެދިނީމައި ނިމުނީއެވެ. ބުނާ އެއްޗަކަށް ދޭތި ބުނަންވީއެވެ. ހިތަށް އެހެން އެރިޔަސް، ކުރަން އެއީ ވަރަށް އުނދަގޫކަމަކަށްވިއެވެ. އޭގެ ނާޖާއިޒު ފައިދާ އެ މަހުލޫގު ނެގިއެވެ. ޖިންނިމޮޔަވެފައިތިބޭ މީހުން އަހަރެން ދެކެމެވެ. އެހެނަސް، އަހަރެންގެ އާއިލާއަށް އެ ފަދަ ކަމެއް ކުރިމަތިވެދާނެކަމަކަށް، ދުވަހަކު ވެސް ހިޔެއްނުކުރަމެވެ.

އަހަރެން މަސައްކަތްކުރީ ރުގުޔާކޮށްގެން ޒިޔާދާ ރަނގަޅުކުރާށެވެ. އެ ކަމުގައި ބަދީއުގެ އެހީހޯދީމެވެ. ޒިޔާދާޔާ ކުރިމަތިލީ ބަދީއުއެވެ. ބަދީއުއާ ދިމާއަށް ޒިޔާދާ ބުނެލާ އެއްޗެހިން، ކިތަންމެ ފަހަރަކު އަހަރެން އެ ތަނުން ނުކުންނަމެވެ. ބަދީއު ވަރަށް ކުޅަދާނައެވެ. ހުތުރު އެއްޗެއް ނުބުނެއެވެ. ރުޅިއެއް ވެސް ނާދެއެވެ. އެކަމަކު ވަގުތުން ރައްދުދެއެވެ. ކޮންމެ ރެޔަކު ބަދީއު ގެންނަމެވެ. ސުވާލުތަކަށް ޖަވާބުދޭން "ޒިޔާދާއަށް" މަޖުބޫރުކުރީމެވެ. ސިހުރުހެދި ބަޔަކު ދެންމެ ދެންމެ ބޭޒާރުވެދާނެހެން ހީވި ވަގުތު، ދެން ނިއުޅިވިގެން ދިޔައީ ކުރިޔަށް ވުރެ އަޖައިބުކުރަނިވި ސަފުހާއެކެވެ.

އަހަރުމެންގެ ސަމާލުކަން ހުރީ ޒިޔާދާއަށެވެ. ސިހުރެއްޖެހުނުކަމަށް ނިންމައި، ފަރުވާ ވެސް ކުރީ ޒިޔާދާއަށެވެ. އަފުނާނަކަށް އަހަރުމެން ޝައްކެއް ނުކުރަމެވެ. އެހެނަސް، މުސްތަގުބަލުގައި ވާނެ ކަންކަން ކިޔައިދޭން ފެށީ އަފުނާންގެ ދުލުންނެވެ. ހުވަފެން ސީދާވާން ފެށީ އަފުނާންގެއެވެ. އަހަރެންގެ ދަރިޔަކު ސިޑިން ވެއްޓުނު ތަން އަފުނާނަށް ހުވަފެނުން ފެނުނުކަމަށް ބުނި ދުވަހު، ދަރިފުޅު ސިޑިން ވެއްޓުނެވެ. ބޮކި އަނދާނެކަމަށް ބުނި ދުވަހު ބޮކިއެނދިއެވެ. އެވެނި ތައްޓެއް ވެއްޓި ތަޅައިގެންދާނެކަމަށް ބުނި ދުވަހު އަހަރެންގެ އަންހެނުން އަތުން އެ ތަށި ވެއްޓި ތެޅުނެވެ. އަފުނާން އިންޒާރެއްދެނީ ދެ ދުވަހުން އެއް ދުވަހުއެވެ. އެ ދުވަހު އަހަރުމެން ތިބެނީ ބިރުން ފިތްކަނޑައިގެންދާ ވަރު ވެފައެވެ. ނަތީޖާއަކަށްވީ އަފުނާންގެ ބަހަށް އަހަރުމެން ސިހެން ފެށުމެވެ. ޖެހިލުންވާން ފެށުމެވެ.

އަހަރެން އެކުސިޑެންޓު ވާނެކަމަށް އަފުނާން ބުނި ދުވަހު އަހަރެން ގެއަކުން ނުނިކުންނަމެވެ. ޔުމްނާ ފާހާނާ ތެރެއަށް ވެއްޓޭނެކަމަށް ބުނި ދުވަހު އޭނަ އެ ފާހާނައަކަށް ނުވަދެއެވެ. އުނދުނުގެ ހުޅުގަނޑުން ގޭގައި ރޯވާނެކަމަށް ބުނި ދުވަހު އުނދުނެއް ނުރޯކުރެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި، ވާންހުންނަ އެ ފަދަ ކަންކަން އެކަކަށް ވެސް ނޭނގޭނެއެވެ. އެ ވިސްނުން ބަދަލުކުރަން މަޖުބޫރުވިއެވެ. އެކަމަކު އެ ކަމާ ސިހުރާ ގުޅުވޭނެ ގޮތެއް ނެތެވެ. ރޫހާނީ ބާރަކާ އަފުނާނާ ގުޅުވާނެ ހެއްކެތް ވެސް ނެތެވެ. އަފުނާނަށް ފެންނަ ހުވަފެނެއް ހަގީގަތަކަށް ވަނީއެވެ. ޖިންނިސައިތާނަކާ ކޮން ބެހޭކަމެއް ހެއްޔެވެ؟ އަހަރެން ހިތަށްއެރީ އެހެންނެވެ.

ލުނބޯހުތުފަންޏަކީ އަހަންނަށް ވަރަށް މީރު ފަންޏެކެވެ. އެ ފަނި އެންމެ މީރުކޮށް ހަދާ މީހަކަށް އަހަންނަށް ފެނުނީ އަހަރެންގެ އަންހެނުންނެވެ. އެކަމަކު އަފުނާން އައި ފަހުން، ތަފާތު ގޮތަކަށް އޭނަ ލުނބޯހުތުފަނި ހަދަން ފެށިއެވެ. ޔުމްނާ އަހައިއަހައި ވެސް އެ ފަނީގެ ރަހަފަތް އަފުނާން ކިޔައެއް ނުދިނެވެ. އަފުނާން ބުނާ ގޮތުގައި އެ ރަހަފަތް ޖެހޭނީ، އަފުނާނާ އެކުގައި ސަންދޯކުގައި ވަޅުލާށެވެ.

އެއްރޭ އަހަރެން ކާންއިންދައި ލުނބޯހުތުފަނި ބޯހިތްވިއެވެ. ޔުމްނާ އުޅުނީ ކުދިން ނިންދަވާށެވެ. އަހަރެން އަފުނާނަށް ގޮވައިލީމެވެ. ޚަބަރެއް ނުވިއެވެ. ދެތިން ފަހަރަކު ގޮވައިލުމުން ޚަބަރެއްނުވީމައި ދެން އަޅައިނުލީއެވެ. ކައިނިންމައިފައި ހިތަށްއެރިއެވެ. މިރޭ އަފުނާން ކޮބައި ހެއްޔެވެ؟ އިރުއޮއްސުނު ފަހުން އަފުނާން ފެނުނު ހަނދާނެއް ނުވެއެވެ. ކައިނިންމައިގެން ބޮޑުކޮޓަރިއަށް ނުކުތް އިރު، ސޯފާގައި މީހަކު އޮތްހެން ހީވިއެވެ. ބަލައިލި އިރު އަފުނާން ނިދާފައި އޮތެވެ. ޓީވީ ހުރީ ނިވައިލައިފައެވެ. އަހަރެން ހީކުރީ ނިދިއައުމުން އޭނަ ޖައްސައިލީކަމަށެވެ. ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ފެނުނު މަންޒަރަކުން ހިތުގައި ޝައްކެއް އުފެދުނެވެ. އަހަންނަށް ހީވީ އަފުނާން ލޯ ހުޅުވައިގެން "ނިދާފައި" އޮތްހެންނެވެ. ރަނގަޅަށް ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. އަފުނާން ލޮލެއް ނުމަރައެވެ. އޭނަގެ ކަޅި ހުރީ އެއް ދިމާއަކަށް ހުއްޓިފައެވެ. ހީވަނީ ވަކި ހާއްސަ ދިމާއެއް ބަލާހެންނެވެ. އަހަރެން ގޮސް އަފުނާން ކުރިމައްޗަށް ހުއްޓުނީމެވެ. ހަމަ ހުއްޓޭ އިރަށް އަފުނާން، މަޑުމަޑުން އަހަންނާ ދިމާއަށް އެނބުރުނެވެ. ކުއްލިއަކަށް އަނގަ ހުޅުވާލައިފައި، ރުޅިއައިސްފައި، އަޑެއް ލައްވައިލިއެވެ.

"ކަލޭ ތީ ކާކު؟" ވަރަށް ޖެހިލުން ކުޑަކޮށް އަހަރެން އެހީމެވެ.

ނުނިމޭ