ރައީސް އޮފީހުގެ ކޮމިއުނިކޭޝަންގެ އެންމެ އިސްވެރިއަކަށް ހިސާން
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންގެ އެންމެ އިސްވެރިއަކަށް ހިސާން

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ބައިގެ އެންމެ އިސްވެރިއަކަށް މުހައްމަދު ހިސާން އަލީ ފަހުމީ (ހިސްކޮ) މިއަދު އައްޔަން ކުރައްވައިފި އެވެ.

އައްޑޫ ހިތަދު އަށް އުފަން ހިސާން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެގެންނެވެ. އެއީ އޭރު ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދު ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ އެންމެ އިސްބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އެހެންވެ، މިދިޔަ އަހަރުގެ އޮގަސްޓް 1 އިން ފެށިގެން ހިސާން މިހާތަނަށް ގެންދެވީ ރައީސް އޮފީހުގެ ކޮމިއުނިއުނިކޭޝަންސްގެ ބައި ވަގުތީ ގޮތުން ހިންގަވަމުންނެވެ.

ހިސާން މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސްގެ އެންމެ އިސްވެރިޔާގެ މަގާމަށް ހިސާން މިއަދު އައްޔަން ކުރެއްވީ މަގާމުގެ ކުރިއެރުމަކާއެކު އެވެ. މިހާރު ހިސާންގެ މަގާމަކީ ސެކްރެޓަރީ، ކޮމިއުނިކޭޝަންސް އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސް ކުރައްވާނީ ހިސާންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީކަން އެންމެ ފަހުން ފުރުއްވީ ހަސަން އިސްމާއިލެވެ. އަމިއްލަ މަސައްކަތްތަކަށް ވަގުތު ހުސްކުރައްވަން ހަސަން އެ މަގާމުން އިސްތިއުފާ ދެއްވީ ޖެނުއަރީ 24، 2021 އިގަ އެވެ.

ރައީސް އޮފީހުގެ ޕްރެސް ޓީމުގެ އެންމެ އިސްވެރިޔާ ހިސާނަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖުން 2016 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް އިންޓަނޭޝަނަލް ޓްރޭޑް އެންޑް މާކެޓިން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.