ސެމްސަންގް ގެލަކްސީ އެސް8 އޭޕްރީލް 18ގައި
ސެމްސަންގް ގެލަކްސީ އެސް8 އޭޕްރީލް 18ގައި

ސެމްސަންގް ގެލަކްސީ އެސް8 އާންމުނަށް ދައްކާނެ ދުވަހެއް އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ދުވަހަކީ އޭޕްރީލް 18 ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަރަށް އިތުރުވެއްޖެ އެވެ. މިއީ ކިހިނެއް އެނގިގެން އުޅޭ މައުލޫމާތެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު މިގޮތަށް ދެކެވޭ ވާހަކަތައް ގިނަ ފަހަރު ދިމާވެފައި ވެސް އެބަ ހުއްޓެވެ.

އަހަރަކު އެއް ފަހަރު ބާއްވާ، ވޯލްޑް މޮބައިލް ކޮންގްރެސް އަކީ ކުންފުނިތަކަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އާ އުފެއްދުންތަކާއި ޚިދުމަތްތައް އެއް ތަނަކަށް ޖަމާކޮށް މާކެޓް ހޯދުމަށް އެންމެން އެ މައުރަޒަށް ފޫގަޅަ އެވެ. ސެމްސަންގުން ވެސް ކަންކުރަނީ އެ ގޮތަށެވެ. ނަމަވެސް، ދެކެވޭ ވާހަކަތަކުން ދޭހަވަނީ ވޯލްޑް މޮބައިލް ކޮންގްރެސް އަށް ސެމްސަންގުން މި ފަހަރު އެހާ ބޮޑު އަހަންމިއްޔަތުކަމެއް ނުދޭނެ ކަމެވެ.

ވޯލްޑް މޮބައިލް ކޮންގްރެސްގައި ނުވަތަ އޭޕްރީލްގައި ގެލަކްސީ އެސް8 އާންމުކުރި ނަމަވެސް، ސެމްސަންގުން އެ ފޯނުގައި ހިމަނާ މޮޅުތަކަށާއި ޑިޒައިނަށް ބަދަލެއް ނާންނާނެ އެވެ. ދެކެވޭ ވާހަކަތަށް ބަލާއިރު، އެސް8އާ މެދު ސެމްސަންގުން ކުރާ އުންމީދު ވަރަށް ބޮޑެވެ.

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހިތާމަވެރި ހާދިސާ އަށް ފަހު، އެސް8 ވާނީ އެ ހިތާމަތައް ފޮހެލުމަށް މެދުވެރިވާ އާލާތަކަށެވެ. ފޯނެއް އުފެއްދުމުގައި މީގެ ކުރިން ސެމްސަންގުން ފިކުރުނުކުރާ ވަރަށް އެސް8އާ މެދު ފިކުރުކުރާނެ ކަމަށް ބެލެވެ އެވެ.