"އަމާނާތް" އަންނަ މަހު 14 ގައި އޮލިމްޕަހުގައި އަޅުވަނީ
"އަމާނާތް" އަންނަ މަހު 14 ގައި އޮލިމްޕަހުގައި އަޅުވަނީ

މީގެ 19 އަހަރު ކުރިން ރިލީޒްކޮށް، ގައުމީ ފިލްމް އެވޯޑްސްގައި 12 އެވޯޑް އުފުލައިލި އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" އަންނަ މަހު އޮލިމްޕަހުގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.

ފިލްމް އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ތާރީހަކީ 1998 ގައި "އަމާނާތް" ޕްރިމިއާ ކުރި ތާރީހެވެ.

"އަމާނާތް" ގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ވަނީ މިދިޔަ އަހަރު ވެސް މި ފިލްމް އޮލިމްޕަހުގައި އަޅުވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޮލިމްޕަސް ލިބުމުގައި ހުރި ތާށިކަމާ ހުރެ އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

"އަމާނާތް" އަންނަ މަހު އޮލިމްޕަހުގައި އަޅުވާ އިރު، ރަށްރަށުގައި ވެސް ފިލްމް ދައްކަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ބޮޑެތި ބައެއް އަތޮޅުތަކުގައި ފިލްމް ދައްކާނެ ކަމަށް ޓެޑްރީ ބުންޏެވެ.

އޭނާ ބުނީ "އަމާނާތް" ގެ ވަރަށް ބޮޑު ބައި އައްޑޫގައި ޝޫޓްކޮށްފައިވާތީ، އައްޑޫގައި ފިލްމް އަޅުވަން އިސްކަން ދޭނެ ކަމަށެވެ. އަދި ފިލްމުގެ އެއް ބަތަލާ ޖަމްޝީދާގެ އުފަން ރަށް ފުވައްމުލަކުގައި ވެސް ފިލްމް އަޅުވަން ވަނީ ހަމަޖެހިފަ އެވެ.

ފިލްމް ރަށްރަށުގައި ދައްކަން ބޭނުންވާ ނަމަ 7764744 އަށް ގުޅުމުން އެކަން ހަމަޖައްސައި ދޭނެ ކަމަށް އެޓާނަލް ޕިކްޗާސް އިން ބުންޏެވެ.

އެ ސްޓޫޑިއޯ އިން ބުނީ އޮލިމްޕަހުގައި ދައްކާ ޝޯގެ ޓިކެޓް ބުކްކޮށް ދިނުމާއި ޓިކެޓް ވިއްކަން މި މަހުގެ ފަހު ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

ޓެޑްރީ ޕްރޮޑިއުސްކޮށް، މަހުދީ އަހުމަދު ޑައިރެކްޓް ކުރި "އަމާނާތް" އަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީ މިހާރުގެ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ ޑައިރެކްޓް ކުރި ހަމައެކަނި ފީޗާ ފިލްމް ވެސް މެ އެވެ.

"ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތުމަތު ރަމީޒާ ލީޑް ރޯލް ކުޅެފައިވާ "އަމާނާތް" އަކީ 1983 ގައި އިންޑިއާގެ ޑައިރެކްޓަރު ޝޭކަރު ކަޕޫރު ގެނެސް ދިން ފިލްމް "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ އާއިލީ ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ނަވާރަ އަހަރު ފަހުން ފިލްމް އަލުން ސްކްރީނަށް އަންނަ އިރު، މާލެ އާއި އައްޑޫގައި މަންޒަރުތައް ނަގާފައިވާ "އަމާނާތު" ގެ ލަވަތައް މިހާރު ވެސް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލެވެ.