ދިރުވާލައިގެން ގެނައި ޑްރަގާ އެކު ލަޓްވިއާގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި
ދިރުވާލައިގެން ގެނައި ޑްރަގާ އެކު ލަޓްވިއާގެ މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

ދިރުވާލައިގެން ގެނައި ޑްރަގާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަޓްވިއާގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުުރުން 46 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އިރުމަތީ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ލަޓްވިއާގެ އެ މީހާ ދިރުވާލައިގެން ގެނައި ޑްރަގް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، މިހާތަނަށް އެ ޑްރަގްގެ ޖުމްލަ ބަރުދަނެއް އަދި ނޭނގެ އެވެ.

ދިރުވާލައިގެން ޑްރަގް އެތެރެކުރާ މީހުންގެ ހަށިގަނޑުން ޑްރަގް ބޭރުކުރަން އާންމުކޮށް އެ މީހުން ހޮސްޕިޓަލަކަށް ގެންދެ އެވެ. ބައެއް ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ގެސްޓް ހައުސް ފަދަ ތަންތަނުގައި އެފަދަ މީހުން ބައިތިއްބައިގެން ވެސް ޑްރަގް ބޭރުކުރުވަ އެވެ.

މި ފަހުން، ގަތަރުގެ ދޯހާއިން ރާއްޖެ އައި 23 އަހަރުގެ އަންހެނެއްގެ ލަގެޖުން 1.5 މިލިއަން ރުފިޔާގެ ކޮކެއިން ފެނުމުން ވެސް އެ މީހާ ހައްޔަރު ނުކޮށް، މަސްތުވާތަކެތި އަތުލުމަށް ފަހު އަނބުރާ ފޮނުވާލި މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާ މެދު އަމަލު ކުރާނެ ގޮތުގެ ގަވައިދު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.