ސަލްމާން ހާންގެ އާ ފިލްމު، "ކިސީ ކާ ބާއި ކިސީ ކީ" ގެ ފުރަތަމަ ލަވަ ރަސްމީކޮށް ދައްކާލީ އާދިއްތަ ދުވަހު އޮތް ބިގްބޮސްގެ 16 ވަނަ ސީޒަންގެ ފިނާލޭގަ އެވެ.

"ނަޔޯ ލަގްދާ" ނަން ދީފައިވާ އެ ލަވައިގައި ދައްކަނީ ދިގު އިސްތަށިގަނޑެއްގައި ހުރި ސަލްމާން، އެކްޓްރެސް، ޕޫޖާ ހެޖާ އެކު އިންޑިއާގެ ލަދަކް ސަރަހައްދުގައި ނަށާ މަންޒަރެވެ.

އެ ލަވައިން ގިނަ މީހުންނަށް އަޅައިގަތީ ތަފާތު ޑާންސް ސްޓެޕްތަކެވެ. ގިނަ ފޭނުން އެ ސްޓެޕްތައް ސިފަކުރަނީ ފައިގެ ކަސްްރަތުތަކެއްގެ ގޮތުގަ އެވެ.

އެ ލަވަ ނެރުނު ފަހުން ގިނަ ބަޔަކު އަންނަނީ ސަލްމާންގެ ޑާންސްޓެޕްތަކަށް ޖޯކު ޖަހައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ.

ސަލްމާނުގެ އާ ލަވަޔަށް ޖޯކު ޖަހާ މީހުންނާ ދެކޮޅަށް އެއްބަޔަކު އަޑު އުފުލާއިރު، އަނެއްބަޔަކު ބުނަނީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ލަވައިގެ ކޮރިއޯގްރާފާ ކަމަށާއި ސަލްމާން ނޫން ކަމަށެވެ.

"ނަޔޯ ލަގްދާ" ލަވަޔަކީ ހިމޭޝް ރެޝަމިއްޔާގެ މިއުޒިކަށް ކަމާލް ހާން އަދި ޕަލަކް މުއްޗަލް ކިޔަފައިވާ ލަވައެކެވެ. އެ ލަވަ ސަލްމާންގެ ސޯޝަލް މީޑިއާގައި ޝެއާކުރި ހިސާބުން އެންމެން ވެސް ކޮމެންޓު ކުރަމުން އައީ އޭނާގެ ޑާންސް ސްޓެޕްތަކަށެވެ.

ފަރްހަދް ސަމްޖީ ޑައިރެކްޓުކޮށްފައިވާ "ކިސީ ކާ ބާއީ ކިސީ ކީ" ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ފިތުރު އީދާ ދިމާކޮށް އަންނަ އޭޕްރިލް މަހުގެ ތެރޭގަ އެވެ.