އިންޑިއާ އިން ސަމަދު ހިފެހެއްޓި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި
އިންޑިއާ އިން ސަމަދު ހިފެހެއްޓި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި

ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް ހޮސްޕިޓަލުގައި ހުއްޓާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަމަދަކީ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ.

އެހެން ނަމަވެސް އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެކަމާ ގުޅިގެން ކަމެއް އިންޑިއާ އިން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީއަކުން ވެސް ނުބުނެ އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން ރާއްޖޭގެ ސަރަހައްދުގައި ފާޅު ކުރާ ހިޔާލަކާ ގުޅީގެން ބޭރު ގައުމުތަކުން ވަކިވަކި މީހުންނާ މެދު ފިޔަވަޅު އެޅުމުން ކަންބޮޑުވާ ކަމަށެވެ.

އެކަމާ ގުޅިގެން ސަރުކާރުން ފިޔަވަޅު ނޭޅުމަކީ ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތަށް މަތިކޮށްފައިވާ ޒިންމާ އަށް ހިޔާނަތްތެރިވުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދިވެހިން ރާއްޖޭގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން ބޭރު ދައުލަތްތަކުން ވަކިވަކި ދިވެހިންނަށް އަދަބު ދޭން ފަށައިފި ނަމަ ދިވެހިންގެ ހައްގުތައް ބޭނުން ކުރުމުގެ އިހްތިޔާރު ގެއްލޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެހެންކަމުން އެއްވެސް ދިވެއްސަކަށް ތަފާތު ކުރުމެއް ނެތި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި ޑިޕްލޮމެޓިކް އުސޫލުން އެފަދަ މައްސަލަތައް ހައްލު ކުރަން ޝިޔާމް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބައެއް މީހުން އިންޑިއާ އިން ހިފަހައްޓައި އަނބުރާ ފޮނުވާލައިފަ އެވެ