19 ޖެނުއަރީ 2017 - 06:08

ސަލްމާން ޚާން ކުޅެމުންދާ "ޓިއުބުލައިޓް"ގައި ޝާހްރުކް ޚާން މެހެމާނެއްގެ ބައި އަދާކުރާކަން ޔަގީން ވެއްޖެ އެވެ. ޑައިރެކްޓަރު ކަބީރް ޚާންގެ މި ފިލްމުގައި ޝާހްރުކް ކުޅެނީ މުހިއްމު ނަމަވެސް ވަރަށް ކުޑަކުޑަ ބައެކެވެ.
"ޓިއުބުލައިޓް"ގައި ޝާހްރުކް ބައިވެރިވާކަމަށް ދެކެވެމުން ދިޔަ ވާހަކަތައް މީގެ ދުވަސްކޮޅެއް ކުރިން ކަބީރް ޚާން ދޮގުކޮށްފައި ވިޔަސް އެންމެ ފަހުން އޭނާ ވެސް ވަނީ މި ވާހަކަ އަކީ ތެދެއް ކަމަށް އެއްބަސްވެފަ އެވެ. އަދި ކަބީރް ވަނީ ސަލްމާނާއި ޝާހްރުކްގެ ކޯލް ޝީޓް އިންސްޓަގްރާމްކޮށް ޝާހްރުކް ފިލްމުގައި ބައިވެރިވާކަން ޔަގީން ކޮށްދީފަ އެވެ. އަދި "ޓިއުބުލައިޓް"ގެ ސެޓުގައި ޝާހްރުކާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ކަބީރް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ ފޮޓޯގައި ޝާހްރުކްގެ މޫނުގައި ވަރަށް ވަރުގަދަ ޓެޓޫއެއް ޖަހާފައިވެ އެވެ. ބެލެވޭ ގޮތުގައި ޝާހްރުކް އެ ފިލްމުން ފެންނާނީ އެ ޓެޓޫ ޖަހާފައި ހުންނަ މީހެއްގެ ގޮތުގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި "ޓިއުބުލައިޓް"ގެ ޝާހްރުކް ކުޅެނީ ޖާދޫ ހަދާ މީހެއްގެ ރޯލެވެ. ޝާހްރުކްގެ ކެރެކްޓާއަކީ ސަލްމާން ކުޅޭ ކެރެކްޓާގެ ހަޔާތަށް މުހިއްމު ބަދަލެއް ގެނެސް ފިލްމުގެ ވާހަކަ އެހެން ގޮތަކަށް ފުރޮޅިގެންދާނެ ރޯލެވެ.
ޝާހްރުކާއި ސަލްމާން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެކުގައި މި ފިލްމުގެ ޝޫޓިން ފަށައިފަ އެވެ.
"ޓިއުބުލައިޓް" އަކީ ފިލްމުގައި ސަލްމާނަށް ކިޔާ ނަން ކަމަށް ވެ އެވެ. އޭނާއަށް އެ ނަން ދީފައިވަނީ ހިތް ގާކަމުން އެއްޗެހި ދަސްކުރެވޭލެއް ލަސްވީމަ އެވެ. މި ފިލްމުގައި ސަލްމާންގެ ކޮއްކޮ ސުހައިލް ޚާން ވެސް މުހިއްމު ރޯލެއް ކުޅެ އެވެ. ބަތަލާއަކީ ޗައިނާގެ އެކްޓަރެއް ކަމަށްވާ ޒޫ ޒޫ އެވެ.
އަންނަ ކުޑަ އީދަށް ރިލީޒްކުރަން ތައްޔާރުކުރަމުންދާ މިފިލްމުގައި، ދާދިފަހުން މަރުވި ދުވަސްވީ އެކްޓަރު އޯމް ޕޫރީ ވެސް މުހިއްމު ބައެއް ކުޅެފައިވެ އެވެ.