3.5 މިލިއަން ވޯޓާ އެކު ޔޫރޯގެ ގަދަ 11 ހޮވައިފި
3.5 މިލިއަން ވޯޓާ އެކު ޔޫރޯގެ ގަދަ 11 ހޮވައިފި

ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ ކޮބާ ހެއްޔެވެ؟ ޔުއެފާ އިން ވަނީ މި ސުވާލުގެ ޖަވާބު ފުޓްބޯޅަ ސަޕޯޓަރުން މެދުވެރިކޮށް ހޯދައިފަ އެވެ. ޔުއެފާ އިން އެކުލަވާލި 50 ކުޅުންތެރިންގެ ތެރެއިން މުބާާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ހޮވުމަށް ހުޅުވާލި ފުރުސަތުގައި ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް 3.5 މިލިއަން ވޯޓް ވަނީ ދީފަ އެވެ.

އޯލް-ޓައިމް ޔޫރަޕިއަން ޗެމްޕިއަންޝިޕް ބެސްޓް އިލެވަން ޓީމުގައި އިޓަލީގެ ތިން ކުޅުންތެރިޔަކު ހިމެނޭއިރު ސްޕެއިނާއި ޖަރުމަން އަދި ފްރާންސުން ކޮންމެ ގައުމަކުން ދެ ކުޅުންތެރިން ހިމެނެ އެވެ. ނެދަލެންޑްސް އަދި ޕޯޗުގަލް އިން އެއް ކުޅުންތެރިޔަކު ހިމެނޭއިރު އިނގިރޭސި އެއްވެސް ކުޅުންތެރިޔަކު ނެތެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި 2008 އަދި 2012 ވަނަ އަހަރު ހިމެނުނު ބުފޮންގެ ކެޕްޓަންކަމުގެ ދަށުން އިޓަލީން 2012 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ނަމަވެސް ސްޕެއިން އަތުން 4-0 އިން ބަލިވީ އެވެ. އެކަމަކު އޭނާ ފާހަގަކުރެވެނީ ޔޫރަޕުގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު އެއް ކީޕަރުގެ ގޮތުގަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ޕައޮލޯ މަލްޑިނީ ވަނީ މުބާރާތުގެ ޑްރީމް ޓީމުގައި 1988، 1996 އަދި 2000 ވަނަ އަހަރު ހިމެނިފަ އެވެ. އޭނާ އިޓަލީއާ އެކު މުބާރާތް ކާމިޔާބުކުރުމާ ގާތަށް 2000 ވަނަ އަހަރު ދިޔަ އެވެ. އެކަމަކު އިޓަލީ 1-0 އިން މޮޅުވާން ދަނިކޮށް ފަހު ސިކުންތުކޮޅުގައި ފްރާންސުން އެއްވަރުކޮށް އަދި ރަން ގޯލެއް ޖަހައިގެން ތަށި ކާމިޔާބުކުރީ އެވެ.

ހުޅަނގު ޖަރުމަނުން 1972 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ކެޕްޓަންކަން ކުރި ފްރެންޒް ބެކެންބާ އަށް މުބާރާތުގެ ތަށި ދިފާއުކުރަން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު 1976 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޗެކްސްލޮވާލިއާ އަތުން ބަލިވީ އެވެ.

ސްޕެއިނުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރު ކާލްސް ޕުޔޯލް އަކީ ސްޕެއިނުން 2008 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު ކެޕްޓަނެވެ. އޭނާ ވަނީ އެ ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ފަހުން ސްޕެއިނުން 2012 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރިއިރު ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ.

މުބާރާތުގައި ތަށީ އަތްލެވިފައި ނުވި ނަމަވެސް އިޓަލީގެ އަންދްރޭ ޕިރްލޯ ވަނީ 2004، 2008 އަދި 2012 ވަނަ އަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް 2012 ވަނަ އަހަރު އިޓަލީ ފައިނަލުން ޖާގަ ހޯދިއިރު އެންމެ ބޮޑު ދައުރެއް އަދާކުރީ މުބާރާތުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޕިރްލޯ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒައިނުއްދީން ޒިދާނަކީ ފްރާންސުން 2000 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެ މުބާރާތުގައި އެކަނި ވެސް، އޭނާ އަށް އޯލް ޓައިމް ޓީމުން ޖާގަ ލިބޭ ފެންވަރަށް ކުޅުނެވެ.

އަންދްރޭ އިނިއެސްޓާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ. ސްޕެއިނާ އެކު 2008 އަދި 2012 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އެވެ. އަދި 2012 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.

ނެދަލެންޑްސް އިން 1988 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރިއިރު ސޯވިއެޓް ޔޫނިއަން ކޮޅަށް މާކޯ ވޭން ބާސްޓެން ޖެހި މޮޅު ލަނޑުގެ ވާހަކަ އަދިވެސް މީހުން ދައްކަ އެވެ. އެ މުބާރާތުގައި އޭނާ ފަސް ލަނޑު ޖެހި އެވެ. އޭގެ ތެރޭގައި އިންގްލެންޑް ކޮޅަށް ހެދި ހެޓްރިކް ހިމެނެ އެވެ.

ޕޯޗުގަލާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިހާތަނަށް މުބާރާތެއް ކާމިޔާބުކުރެވިފައި ނެތަސް އޭނާގެ އިންޑިވިޖުއަލް ހުނަރަށް ބަލާއިރު އިރު އެއީ އެފަދަ ދެ ވަނަ އެއް ނެތް ކުޅުންތެރިއެކެވެ. ޕޯޗުގަލް އިން 2004 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިރު ރޮނާލްޑޯ މޮޅު ކުޅުމެއް ދެއްކި އެވެ.

ޒުވާން އުމުރުގައި 2000 ވަނަ އަހަރު ފްރާންސާ އެކު ޔޫރޯ ކާމިޔާބުކުރި އޮންރީ ވަނީ އެ އަހަރުގެ މުބާރާތުގެ އިތުރުން 2004 އަދި 2008 ވަނަ އަހަރުގެ މުބާރާތުގައި ވެސް ލަނޑު ޖަހައިފަ އެވެ.