ޖޭޕީގެ ލީޑަރުގެ މަގާމު އުވާލާކަށް ފާހެއް ނުވި
ޖޭޕީގެ ލީޑަރުގެ މަގާމު އުވާލާކަށް ފާހެއް ނުވި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުގެ މަގާމު އުވާލަން އެ ޕާޓީގެ މިއަދުގެ ކައުންސިލްގެ ބައްދަލުވުމުން ފާހެއް ނުވި އެވެ.

ޖޭޕީގެ ލީޑަރުގެ މަގާމު އުވާލައި އެ ޕާޓީގެ އެންމެ އިސްބޭފުޅަކީ ރައީސަށް ހަމަޖެއްސުމަށް މި މަހުގެ 25،24 ގައި ބާއްވާ ކޮންގްރެސް އަށް ހުށަހަޅަން ފެނޭތޯ ބަލަން މިއަދު ވޯޓަށް އެހުމުން އެ ގޮތަށް ފާހެއް ނުވީ އެވެ. އެ ގޮތަށް ކައުންސިލުން ނިންމީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ސިޔާސީ އެންމެ އިސް މަގާމުގެ ގޮތުގައި އޭނާ ހުންނަވާއިރު އިދާރީ ގޮތުން އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސެވެ. ދެން ތިއްބަވަނީ ނައިބު ލީޑަރުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު އެއް ބައިވެރިޔާ ޖޭޕީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ އޭރަކު ޕާޓީގެ ލީޑަރެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކުރިމަގު ކަނޑައަޅާ ކޮގްރެންސް ބާއްވާއިރު، މި އަހަރުގެ އިންތިހާބަށް ގާސިމް ކުރިމަތިލެއްވުމާ މެދު އެ ކޮންގްރެސްއާއެކު ގޮތެއް ކަނޑައަޅާނެ ކަމަށް ބެލެވެ އެވެ.

ޖޭޕީގެ އަސާސީ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތައް ކައުންސިލްގެ ބައްދަލުވުމުގައި މިއަދު ފާސްކުރި އެވެ. އެކަމަކު އެ ކަމާ މެދު ގޮތެއް ނިންމާނީ ކޮންގްރެސްގައި ނަގާ ވޯޓުންނެވެ.