13 ފެބުރުއަރީ 2023 - 14:57

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އަންނަ ހުކުރުދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ކާނިވަލުގައި ބާއްވާ ޖަލްސާއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ހަވާލުކުރާއިރު މިއީ އެމްޑީޕީން ރިޔާސީ ޓިކެޓް މިގޮތަށް ހަވާލުކުރާ ފުރަތަމަ ފަހަރެވެ. މި ޖަލްސާއަށް ކާނިވާ ސަރަހައްދު ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލްގައި ވަނީ އެދިފަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވައި 62 ޕަސެންޓުންނެވެ.
ޕްރައިމަރީއަށް ފަހު ރައީސް ވިދާޅުވެފައި ވަނީ ނަތީޖާއާ އެކު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ނިމުނީ ކަމަށެވެ. ދެން ނުކުންނަންވީ އެއްބައެއްގެ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިމަރީ އަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު އެމަނިކުފާނަށް ފަސޭހައިން ކާމިޔާބު ކުރެއްވޭނެ އެވެ. ސަބަބަކީ އެމްޑީޕީއަކީ ހައްގުތައް ހޯދައި ދިނުމާއި ތަރައްގީ ގެނައުމުގައި އަބަދުވެސް އެއް ވިސްނުމެއްގައި މަސައްކަތްކުރާ ޕާޓީއަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު، ޕާޓީގެ ރައީސް ނަޝީދު ވަނީ އިންތިހާބުގައި ރައީސާ އެކު ނުހުންނަވާނެ ކަަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގެންދަވަނީ ޕާޓީގެ ބައެއް މެމްބަރުންނާ އެކު ސިޔާސީ ވަކި ހަރަކާތަކަށް މަސައްކަތް ފައްޓަވައިފަ އެވެ.