ސައިޕްރަސްގެ ރައީސް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު
ސައިޕްރަސްގެ ރައީސް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު

ސައިޕްރަސްގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް އިއްޔެ ބޭއްވި ވޯޓުލުމުގައި، އެ ގައުމުގެ ކުރީގެ ޑިޕްލޮމޭޓް އަންދްރެއާސް މަވްރޮޖިއާނީސްގެ މައްޗަށް ކުރީގެ ޚާރިޖީ ވަޒީރު ނިކޯސް ކްރިސްތޯދުލިދޭސް ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.

އިއްޔެގެ ވޯޓުލުމުގައި ނިކޯސް ކްރިސްތޯދުލިދޭސް އަށް، 51.9 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. ވާދަވެރި އަންދްރެއާސް މަވްރޮޖިއާނީސް އަށް ލިބިވަޑައިގަތީ 48.1 ޕަސެންޓް ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ އެކު، އިންތިޚާބުން ނާކާމިޔާބުވި މަވްރޮޖިއާނީސް، އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސައިޕްރަސްގެ ހިތްވަރުގަދަ ރައްޔިތުންނާ އެކުގައި ކުރި ވާދަވެރި ދަތުރު މިހާ ހިސާބުން ނިމުނީ ކަމަށެވެ. އަދި ސައިޕްރަސްގެ ރައްޔިތުން ބޭނުންވި ބަދަލު ނުގެނެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިސްތޯދުލިދޭސް، 49، ސައިޕްރަސްގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ އެކު އޭނާ ވެގެން ދާނީ އެ ގައުމުގެ ރައީސްކަމުގެ މަގާމާ، މިހާތަނަށް ހަވާލުވެވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއަށެވެ.

ސައިޕްރަސްގެ މިއަހަރުގެ ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އެ ބުރުގެ ވޯޓުލުމުގައި، އިންތިޚާބުގައި ވާދަކުރެއްވި 14 ކެންޑިޑޭޓުންގެ ތެރެއިން އެކަކަށް ވެސް، ވޯޓު ލީ މީހުންގެ 50 ޕަސެންޓް ތާއީދެއް ނުލިބެ އެވެ.

އެހެންކަމުން އެ ގައުމުގެ ގާނޫނުއަސާސީގެ ހަމަތަކާ އެއްގޮތަށް، އިއްތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ އެވެ. އިއްޔެ ބޭއްވި އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި 405000 މީހުން ވޯޓު ލާފައިވާ އިރު، އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.4 ޕަސެންޓެވެ.

ސައިޕްރަސްގެ އާންމު ރައްޔިތުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ރިއާސީ އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމަށް އިތުރު ހަމަޖެހުން އަންނާނެ ކަމުގެ އުންމީދު ބޮޑެވެ. އަދި މިހާރު ގައުމުގައި ހުރި ދާޚިލީ ގިނަ މައްސަލަތައް ހައްލުވާނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް ނޫސްތަކުން ބުނެ އެވެ.