13 ފެބުރުއަރީ 2023 - 11:29

ރާއްޖޭގައި ހަށިވިއްކުން އާންމުވެފައިވާ މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ރައްޔިތުންގެ މަޖިލިހުގައި މިއަދު ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއްވައި ހަނު ހުންނަވައިފި އެވެ.
އޭނާ ހަނު ހުންނެވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް އެކަމާ ގުޅޭ ސުވާލެއް ކުރެއްވުމުންނެވެ. އޭގެ ތެރޭގައި ހަށިވިއްކާ ތަންތަން ފުޅާދާއިރާއެއްގައި އޮޕަރޭޓް ކުރަމުން ދާއިރު އެކަން ނުހުއްޓުވި ދަނީ ކީއްވެތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ.
ޝިޔާމްގެ އެހެން ތިން ސުވާލަށް ޖަވާބު ދެއްވުމަށް ފަހު، ހަށިވިއްކުމާ ބެހޭ ސުވާލަށް ޒާހިރު އެއްވެސް ޖަވާބެއް ނުދެއްވައި ވާހަކަ ނިންމަވައިލެއްވީ އެވެ.
އެހެންވެ، ޝިޔާމް އަނެއްކާ ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ، ހަށިވިއްކުމުގެ މައްސަލަ ރާޢްޖޭގައި ވަރަށް ބޮޑުވެފައިވާތީ އެކަމުގެ ދައުރެއް އިސްލާމިކް މިނިސްޓްރީގައި އޮތްތޯ އެއީ އޭނާ ކުރެއްވި އެންމެ މުހިންމު ސުވާލު ކަމަށެވެ.
ނަމަވެސް އެ އަށް ވެސް ޒާހިރު ޖަވާބެއް ނުދެއްވި އެވެ.
ރާއްޖޭގައި މަސާޖު ޕާލަރު ތަކުގެ ނަމުގައި ހުޅުވާފައި ހުންނަ ގިނަ ތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް، ހަށިވިއްކާ އަންހެނުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރު ކުރެ އެވެ.
އެ މައްސަލާގައި ކަމާބެހޭ އިދާރާތަކުން މާ ބޮޑު ފިޔަވަޅެއް ނާޅާ ކަމުގެ ޝަކުވާ ކުރިޔަސް ފުލުހުން ބުނަނީ އެފަދަ ތަންތަން ބަލައި ފާސްކޮށް، ފިޔަވަޅު އަޅާ ކަމަށެވެ.