13 ފެބުރުއަރީ 2023 - 12:15

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސް، އެއް ދުވަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަކުގެ ރެކޯޑަކަށް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ހޮނިހިރު ދުވަހު 8،028 ޓޫރިސްޓުން އައިސްފައިވެ އެވެ. އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެއްގެ ގޮތުގައި މިހާތަނަށް އޮތީ މިދިޔަ ޑިސެމްބަރު މަހުގެ ދުވަހަކެވެ. އެ ދުވަހު ރާއްޖެ އަށް އައީ 7،600 ޓޫރިސްޓުންނެވެ.
މިދިޔަ މަހު އެވްރެޖްކޮށް ރާއްޖެ އަށް ދުވާލަކު 5،500 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،000 ޓޫރިސްޓުން އާދެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 240،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 32 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 59،000 އެނދު ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން 68 ޕަސެންޓު ހިއްސާވަނީ ލަގްޒަރީ ރިސޯޓުތަކެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެގައުމުން 30،000 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެގައުމުން އައީ 26،000 ޓޫރިސްޓުންނެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އެމެރިކާއިން 22،000 ޓޫރިސްޓުން މިހާތަނަށް އައިސްފައިވެ އެވެ.
މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. އެ އަމާޒުގެ 13 ޕަސެންޓު މިހާތަނަށް ވަނީ ހާސިލުވެފަ އެވެ.