19 ޖެނުއަރީ 2017 - 06:11

މި އަހަރު ބޮލީވުޑް އެކްޓަރުންގެ ތެރެއިން ފުރަތަމަ ކައިވެނިކުރާ މީހަކަށް ނީލް ނިތިން މުކޭޝް ވެއްޖެ އެވެ.
ނީލް އާއި އޭނާ އެންގޭޖްވެފައިވާ ރުކްމިނީ ސަހާއޭ ކައިވެނިކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ އުދައިޕޫރްގައި އޮންނަ ރަސްމިއްޔާތެއްގަ އެވެ.
މި ކައިވެނީގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިޔަށް ދާއިރު ކައިވެންޏަށް ދައުވަތު ދެނީ ދެ ފަރާތުގެ ގާތް މީހުންގެ ތެރެއިން އެންމެ 500 މީހުންނަށެވެ. ނަމަވެސް ފެބްރުއަރީ 17 ވަނަ ދުވަހު މުމްބައިގައި ބާއްވާ ރިސެޕްޝަންގައި ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ގިނަ ބަޔަކު ބައިވެރިވާނެ އެވެ.
ނީލް އާއި ރުކްމިނީގެ އެންގޭޖްމަންޓް ވާހަކަ މީޑިއާއާ ހަމައަށް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ރުކްމިނީ އަކީ ބޮލީވުޑާ އެއްވެސް ގުޅުމެއް ނެތް މީހެކެވެ. އެއީ މައިންބަފައިންގެ ހޮވުމެއް ކަމަށްވެ އެވެ.
ނީލް ކައިވެނިކުރަން ތައްޔާރުވަމުންދާއިރު އޭނާ މިހާރު ކުޅެމުން އަންނަ މަދުރް ބަންޑާރްކަރްގެ "އިންދޫ ސަރްކާރް" ގެ ޝޫޓިން ވެސް ކުރިޔަށް އެބަދެ އެވެ. މި ފިލްމުގައި ނީލް ކުޅެނީ ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުންނަ މީހެއްގެ ބައެވެ. މި ފިލްމުގެ ބަތަލާ އަކީ ކީރްތީ ކުލްހާރީ އެވެ. އަދި ބެންގާލީ އެކްޓަރު ޓޯޓާ ރޯއީ ވެސް މި ފިލްމުގައި މުހިއްމު ބައެއް އަދާ ކުރެ އެވެ.
ނީލް، 35. އަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔެއް ކަމަށްވާ މުކޭޝްގެ ކާފަ ދަރިއެކެވެ. އަދި އޭނާގެ ބައްޕަ ނިތިން މުކޭޝް އަކީ ވެސް ލަވަކިޔުންތެރިއެކެވެ.