ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓުކޮށް އުފައްދާފައިވާ ކުރު ފިލްމު "ސޯލް"، މިއަދު ޔޫޓިއުބަށް ރިލީޒްކޮށްފި އެވެ.

މީގެ ކުރިން، ބައިސްކޯފާ ގުޅިގެން އެ ފިލްމު ޕްރިމިއާކޮށްފައި ވަނީ 2019 ވަނަ އަހަރު، ބައިސްކޯފް އެޕްގަ އެވެ. އެ ފިލްމު ވަނީ އެ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި ވެސް އަޅުވައިފަ އެވެ.

ސްރީ ލަންކާގެ ދެމަފިރިއަކު ހަނީ މޫނަށް ރާއްޖެ އައިސް އުޅޭ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމަކީ އިނގިރޭސި ބަހުން ހަދާފައިވާ ފިލްމެކެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން ސީޒަން ބުނީ، އެ ފިލްމު ޔޫޓިއުބަށް ނެރެން ނިންމީ، ގިނަ ބަޔަކަށް ފިލްމު ބެލޭނެ ފުރުސަތު ދިނުމަށް ކަމަށެވެ.

"ބައިސްކޯފުގައި އިނުމުން އެންމެންނަށް އެ ފިލްމެއް ނުބެލޭނެ. ގިނަ ބަޔަކަށް ފިލްމު ބަލައިލުމުގެ ފުރުސަތު ދޭންވެގެން ޔޫޓިއުބަށް ރިލީޒްކުރަން ނިންމީ،" ސީޒަން ބުންޏެވެ.

ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމުގެ މަގްސަދުގައި އުފެއްދި އެ ފިލްމު، ބައިނަލްއަގްވާމީ އޯޑިއަންސަކަށް ވެސް ފޯރާނީ ޔޫޓިއުބް ފަދަ ޕްލެޓްފޯމަކުން ކަމަށް ސީޒަން ބުންޏެވެ.

ބައިސްކޯފާއި ސީޒަންގެ ފިލްމު ކުންފުނި "އެސް ޕްރޮޑަކްޝަން" ގުޅިގެން އުފައްދާފައިވާ އެ ފިލްމުގައި ލަންކާގެ ދެ ތަރިއެއްގެ އިތުރުން ރާއްޖޭގެ ފަންނާނުންތަކެއް ވެސް ފެނެ އެވެ.

އޭގެ އިތުރުން، ސީޒަން ޑައިރެކްޓުކޮށްފައިވާ ފީޗާ ފިލްމު، "ލޯބިވެވިއްޖެ" އަންނަ މެއި މަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު، އެ ފިލްމުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ފަންނާނުން ފެނެ އެވެ.