13 ފެބުރުއަރީ 2023 - 10:38

ރޭ މާފަންނު ގެއަކުން ކޮންކްރީޓް ގަނޑެއް ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެކަން ހިނގީ އެ ގެޔަށް ވައްކަން ކުރަން އުޅުނު މީހަކު ފިލަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މާފަންނު ގެއަކުން ކޮންކްރީޓް ގަނޑެއް ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 11:30 ހާއިރު ކަމަށެވެ.
އެ މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
ފުލުހުން ބުނި ގޮތުގައި، ކޮންކްރީޓްގަނޑު ވެއްޓުނީ ވައްކަންކުރަން ވަން މީހަކު ބެލްކަނީން ފުންމާލި ވަގުތު ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވެ އެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގައި ބާވެފައި ހުންނަ ބައެއް އިމާރާތްތަކުގެ ބެލްކަނީން ބައިތައް ވެއްޓި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެ އެވެ. އެފަދަ ހާދިސާއެއް ހިނގާއިރަށް ކަމާބެހޭ ބައެއް އިދާރާތަކުން އެކަހަލަ އިމާރާތްތައް އިންސްޕެކްޓްކުރާ ކަމަށް ބުނުން ފިޔަވައި، އިތުރު ފިޔަވަޅެއް އަޅާތަނެއް ނުފެނެ އެވެ. އެހެންވެ، އާންމުންގެ ފާޑުކިޔުން އެކަމުގައި އަބަދުވެސް އޮވެ އެވެ.