12 ފެބުރުއަރީ 2023 - 21:02

މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ކައިޒީން އެދުނު ގޮތަށް މި ވަގުތު އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެ އެވެ.
ޅ. ނައިފަރަށް އުފަން ކައިޒީން، ބައްޕައާ ދެކޮޅަށް ކުރި ދައުވާގައި ވަނީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައި ދިނުމަށާއި ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދީ، ބޯޓުގައިވާ ހުރިހާ ތަކެއްޗާއެކު، ތިން ދުވަހުގެ ތެރޭގައި ބޯޓު ކައިޒީނާ ހަވާލު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރިން ވަނީ ކޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ކުރިން ނެރެފައިވާތީ، އެ މައްސަލާގައި މިއަދު ކޯޓުން ނިންމީ، ކައިޒީންގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ކޯޓު އަމުރުގައިވާ ކަންކަމަކީ އެ ދައުވާގެ މައުލޫއުއާ މެދު ގޮތެއް ނިންމާއިރު، ކަނޑައަޅާނެ ކަންކަމަށް ވާތީ އެ އަމުރު މި ވަގުތަށް ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ކޯޓުން ކުރިން ބުނެފައި ވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީންކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޯޓު ގަންނަން ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރުކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައި ކޯޓުން ބުނެފައިވެ އެވެ.
އެހެންވެ، ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބަ އޮތް ކަމަށާއި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ، އޭގެ ސަބަބުން ކައިޒީނަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.