ޖޭޕީގެ ކޮންގްރެސްގައި ހާހެއްހާ މީހުން ބައިވެރިވާނެ
ޖޭޕީގެ ކޮންގްރެސްގައި ހާހެއްހާ މީހުން ބައިވެރިވާނެ

މި މަހު ބާއްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސްގައި ހާހެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށާއި އެއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ޖަލްސާއަކަށް ހެދޭތޯ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އެ ކަމަށްޓަކައި ޖޭޕީގެ އިސްވެރިންނާއި މުވައްޒަފުން އަދި މެމްބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވުމުން ވަރަށް "ފޯރި އެބަހުރި" ކަމަށާއި ކޮންގްރެސްގައި ޖޭޕީގެ މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކުރަން ޖެހޭތީ "އިންތިހާބީ ރޫހެއް" އެބަހުރި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ޖަލްސާއަކަށް ވެގެން ދާނެ. ޔަގީން ކަށަވަރު،" އަލީ އާރިފް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކުރިމަގު ސާފުވާ ކޮންގްރެސްގައި އެންމެ މުހިންމު އެއް ކަމަކަށް އޮތީ އެ ޕާޓީގެ ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަންކުރާ ގޮތަށް ގަވައިދު އިސްލާހުކުރުމެވެ.

ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ސިޔާސީ އެންމެ އިސް މަގާމުގެ ގޮތުގައި އޭނާ ހުންނަވާއިރު އިދާރީ ގޮތުން އެންމެ އިސް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ރައީސެވެ. ދެން ތިއްބަވަނީ ނައިބު ލީޑަރުންނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގެ ފުރަތަމަ ބުރުގައި ޖޭޕީން ވާދަކޮށްފައިވާ އިރު، ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކީ އޭރަކު ޕާޓީގެ ލީޑަރެވެ.

އަލީ އާރިފް ވިދާޅުވީ، ޖޭޕީގެ އަސާސީ ގަވައިދަށް ބޮޑެތި ބަދަލު ގެންނަނީ ރާއްޖޭގެ ޑިމޮކްރެސީގައި މިހާތަނަށް ކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކޮށްފައި ހުންނާނީ ހުރިހާ ގުނަވަންތަކެއްގެ ވެސް ބާރުވެރި ކުރުމަށް. ހާއްސަކޮށް ޒުވާނުންނާއި އަންހެންކަނބަލުންގެ، ޕާޓީގައި އޮންނަ ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގު ބާރުވެރި ކުރުވުމާއި އެ ބޭފުޅުންނަށް ސިޔާސީ މައިދާނުން ޖާގަ ލިބޭނެ ގޮތް ހެދުމަށް. ޕާޓީގެ ލީޑަޝިލްގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވިގޮތުގައި، މި މަހުގެ 24، 25 ގައި ބާއްވާ ކޮންގްރެސް އަށް ގޮފިތަކުގެ އިންތިހާބުތައް ބޭއްވުން މިހާރު ވަނީ ފަށައިފަ އެވެ. މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ވެސް ވަރަށް ގިނަ ގޮފިތައް އިންތިހާބު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ކޮންގްރެސް އަށް ތައްޔާރުވުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އެވެ. އެ ފަދަ ދެވަނަ ބައްދަލުވުމެއް މާދަމާ މެންދުރަށް އަނެއްކާ ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުމުގެ ވެސް ރިޔާސަތު ބަލަހައްޓަވާނީ ލީޑަރު ގާސިމް އިބްރާހިމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ގާސިމް، މި އަހަރުގެ ރިޔާސީ އިންތިހާބަށް ނިންމަވާ ގޮތެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.