ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު
ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު

ފަގީރު ބައެއް ގައުމުތަކުގައި އުޅޭ ކުދިން ތައުލީމު ހާސިލުކުރަން ކުރާ މަސައްކަތް ފެނިފައި ގިނަ ބަޔަކު ހައިރާންވެ އެވެ. ފަސޭހަ ވަސީލަތްތައް ހުރެ އެކަމަކު ކިޔެވުމާ ދުރު ކުދިންނަށް މިއީ ކިޔައިދޭން ވެސް ރަނގަޅު ވާހަކައެކެވެ. އެ ކުދިންނަކީ ކިހާ ނަސީބު ގަދަ ބައެއްކަން އެކުދިންނަށް ވިސްނައިދޭން ޖެހެ އެވެ.

ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު
ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު

ނޭޕާލްގެ އަވަށެއް ކަމަށްވާ ދާއިންގުގެ ކުދިން ސްކޫލަށް ދާގޮތް ފެންނަ މި ފޮޓޯތަކުން އިބުރަތް ހޯދާށެވެ.

ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު
ނޭޕާލުގައި ސްކޫލަށް ދާން ކުރާ ބިރުވެރި ދަތުރު

މި ކުދިން ސްކޫލަށް ދާން މި ނޫން އެހެން ގޮތެއް ނެތެވެ. އެކުދިންގެ ގެ އާއި ސްކޫލާ ދެމެދުގައި އޮންނަނީ ބޮޑު ކޯރެކެވެ. އެ ކޯރު ހުރަސްކުރަން އެކުދިން ދާން ޖެހެނީ މަތިން ދަމާފައިވާ ވަލެއްގައި އެލިގެންނެވެ. އެގޮތަށް ދާން ބޭނުން ނޫން ނަމަ ތިބެން ޖެހޭނީ ނުކިޔަވަ އެވެ.

ނޭޕާލުގެ މެދުތެރޭގައި އޮންނަ ބެނިގާޓް ޑިސްޓްރިކްޓްގައި މިގޮތަށް ކޯރު ހުރަސްކޮށް އަނެއް ފަރާތަށް ދާން ޖެހުމަކީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. ވާގަނޑުން މަޅިއެއް ހަދައިގެން އޭގެ އެހީގައި ބައެއް މީހުން ކޯރު ހުރަސްކުރާއިރު އަނެއްބަޔަކު ލަކުޑި ކޮށިގަނޑެއް ކަހަލަ އެއްޗެއް ބޭނުން ކުރެ އެވެ.

މިގޮތަށް ކޯރު ހުރަސްކުރާއިރު އެކްސިޑެންޓްތައް ހިނގުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމަކަށް ނުވެ އެވެ. ދަމާފައިވާ ކޭބަލްގައި ހިފަހައްޓައިގެން ތިއްބާ ދިމާވާ އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ އަތުގެ އިނގިލިތައް ވެސް ބުރިވެފައި އެބަހުއްޓެވެ.

ކޯރު ހުރަސްކުރަން ބޭނުންކުރާ ކޭބަލަށް ކޮންމެވެސް ވަރެއްގެ ތަރައްގީއެއް މިދިޔަ ދުވަސްތަކުގައި ލިބިފައިވެ އެވެ. ރަނގަޅަށް ހިފެހެއްޓޭނެ ގޮތާއި މީހުން އަރާ ތިބޭނެ ފޮށިގަނޑު ފަދަ އެއްޗެތި ތައްޔާރުކޮށްފައިވެ އެވެ. ނަމަވެސް އެ އަވަށުގެ މީހުން އެދޭ ގޮތަށް، މިތަން ހުރަސްކުރާނެ ބްރިޖެއް ފަދަ އެއްޗެއް އަދިވެސް އެޅޭ ގޮތެއް ނުވެ އެވެ.

އަވަށުގެ މީހަކު ބުނި ގޮތުގައި ކޯރުގައި އަޅާފައި އޮންނަ ބަލިކަށި ބްރިޖެއް ވެސް އޮވެ އެވެ. ނަމަވެސް ކޯރުގެ ފެންގަނޑު މާ ބޮޑުވެފައި އޮންނަ ދުވަސްވަރު އެ ބްރިޖުން ދަތުރުކުރާކަށް ނުކެރެ އެވެ. މަތީގައި އޮންނަ ކޭބަލުން ދަތުރުކުރުން ވެސް މާ ރައްކާތެރި އެވެ.

"އަހަރެންގެ އާއިލާގެ މީހުން ވަރަށް ބިރުގަނޭ. ސަބަބަކީ މިގޮތަށް ކޯރު ހުރަސްކުރުމުގެ ތެރޭގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާތީ. އެއީ 2010 ގައި ހިނގި އެކްސިޑެންޓެއްގައި. އަހަރެން ވެސް މިގޮތަށް ކޯރު ހުރަސްކުރަން ބިރުގަނޭ. އަހަރެންގެ ކުދި ދަރިންތަކެއް އެބަތިބި. އަހަންނަށް ކަމެއް ވެއްޖެ ނަމަ ދަރިންނަށް ވާނީ ކިހިނެއް،" ކޯރު ހުރަސްކުރަން އުޅުނު ފިރިހެނަކު ބުނެފައިވެ އެވެ.

ކޯރު ހުރަސްކުރުމަށް ދަމާފައިވާ ނުރައްކާތެރި ކޭބަލްތައް ނަގައި ބްރިޖް އެޅުމުގެ ޕްލޭނެއް ނޭޕާލްގެ ބޮޑުވަޒީރު މިހާރު ވަނީ އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އެފަދަ ބްރިޖްތައް ވުޖޫދަށް އަންނަންދެން އަވަށުގެ ކުދިން ކިޔަވަން ދާން ޖެހޭނީ ކޭބަލްގައި އެލިގެންނެވެ.