މުއްދަތު ހަމަވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ: މިނިސްޓްރީ
މުއްދަތު ހަމަވާ ލައިސަންސް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ: މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޑްރައިވިން ލައިސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި މުއްދަތު ހަމަވެފައިވާ ލައިސަންސްތައް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އަލަށް ބޭނުންކުރަން ފަށާފައިވާ ސޮފްޓްވެއާ އަށް ބަދަލުވުމުގެ މަސައްކަތް ކުރާތީ، ލައިސަންސާ ގުޅޭ ހުރިހާ ހިދުމަތެއް މެދުކަނޑާލީ މިދިޔަ މަހުގެ 29 ގަ އެވެ. އޭރު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލައިސަންސްގެ ހިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކުރެވޭނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

އެކަމަކު އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް، އެ ބޭނުންކުރަން ފަށާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލަށް އީފާސް އެކައުންޓް މެދުވެރިކޮށް ވަދެ، ލައިސަންސް ބަލައި، ޑިޖިޓަލް ލައިސަންސް ޑައުންލޯޑް ކުރެވޭނެ އެވެ.

ލައިސަންސްގެ ހިދުމަތަށް އޮންލައިންކޮށް ވެސް އެދެވޭނެ އެވެ. ފިލިޒަލް ލައިސަންސް ކާޑު ނެތަސް ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ" އިން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައި ގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލަށް ބޭނުންކުރާ ސޮފްޓްވެއާއާއެކު ހިދުމަތްތަކުގެ ފެންވަރު މަތިވެ، ލުއިފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެ އެވެ.