12 ފެބުރުއަރީ 2023 - 16:46

ގުރުއާން ހިތުދަސްކޮށްދިނުމަށް މާލޭގައި ހިލޭ ސާބަހަށް ކްލާސްތަކެއް ހިންގަން ސިޓީ ކައުންސިލުން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެެއްގައި، މާލޭގެ ހަތަރު މިސްކިތެއްގައި ގުރުއާން ހިތުދަސްކޮށްދިނުމުގެ ކްލާސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އުޔޫން ނަމަކަށް ކިޔާ އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. އަލީ ޒާހިރެވެ.
އުޔޫން އިންސްޓިއުޓަކީ އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ އިނގިރޭސި އާއި އަރަބި އަދި ގިރާތުގެ ކޯސް ހިންގާ ތަނެކެވެ.
ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ މާލޭގައި އުޅޭ ގުރުއާން ހިތުދަސްކުރަން ބޭނުންވާ 18 އަހަރުން ދަށުގެ ކުދިންނަށް އެކަމުގެ ހުނަރު ދަސްކޮށްދީ ކްލާސްތަކެއް ހިންގަން ހުށަހެޅީ އުޔޫން އިންސްޓިޓިއުޓުން ކަމަށެވެ.
އެއީ، ސިޓީ ކައުންސިލުން ވެސް އެދޭ ކަމަކަށް ވާތީ، ހިލޭ ކްލާސްތައް ހިންގަން ފުރުސަތު ދޭން ނިންމީ ކަމަށް ވެބްސައިޓުގައި ބުންޏެވެ.