13 ފެބުރުއަރީ 2023 - 06:44

"ސްޓާޒް ނެޓްވޯކް" އިން ގެނެސްދިން މަގްބޫލު ސީރީޒް "ސްޕާޓަކަސް"، އޭގެ އޮރިޖިނަލް ސްކްރީން ރައިޓަރު، ސްޓީވެން ޑިނައިޓް އާ އެކު، 10 އަހަރު ފަހުން އަނެއްކާވެސް ރިވައިވް ކުރަން ނިންމައިފި އެވެ.

ތްރޭޝިއަން ގްލޭޑިއޭޓާގެ ތާރީހީ ވާހަކައިގެ މައްޗަށް ބިނާކޮށް އުފެއްދި އެ ސީރީޒް އެންމެ ފުރަތަމަ ރިލީޒް ކުރީ 2010 ވަނަ އަހަރު އެވެ.
ހަތަރު ސީޒަނަށް ފަހު 2013 ވަނަ އަހަރު ސީރީޒް ވަނީ ނިންމާލައިފަ އެވެ. އެއަށް ފަހު އަނެއްކާވެސް ސްޓާޒް އިން މިހާރު ވަނީ ސީރީޒް ރިވައިލްކުރާނެ ކަން ޔަގީންކޮށްދީފަ އެވެ.
އެންމެ ފަހު ސީޒަން ނިމުނީ ތާރީހުން އެނގެން އޮންނަ ގޮތަށް، ސްޕާޓަކަސް އާއި އޭނާގެ ލަޝްކަރު ބަލިވާ ހިސާބުންނެވެ. އެކަމަކު، ސީރީޒް ނިންމާލި އިރު، ސްޕާޓަކަސް އަށް ސަލާމަތް ވެވޭނެ ފަދަ އިޝާރާތްތަކެއް ދީފައިވެ އެވެ. އާ ސީޒަން ފަށާނީ އެ ހިސާބުން ފެށިގެން ކަމަށްވެ އެވެ.
ސްޓީވެން ޑިނައިޓަކީ "ބަފީ ދަ ވެމްޕަޔާ ސްލޭޔާސް" ގެ ބައެއް އެޕިސޯޑުތަކާއި، "ޕެސިފިކް ރިމް: އަޕްރައިސިން" ފަދަ ބޮޑެތި ފިލްމުތަކާއި ސީރީޒްތައް ލިޔުމުގައި ހަރަކާތްތެރިވި މަގްބޫލު ސްކްރީން ރައިޓަރެކެވެ.
ސީރީޒްގެ ކާސްޓިން އާއި ރިލީޒް ކުރާނެ ތާރީހެއް ފަހުން އިއުލާނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.