މަރިޔަން
މަރިޔަން

ވާހަކައެއް ބިރުވެެރިވުމުން ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުވެއެވެ. ހާދިސާތަކުން އިބުރަތެއް ލިބޭ ނަމަ އަހަރެންގެ ޝައުގުވެރިކަން އިތުރުވެއެވެ. މީ އެ ފަދަ ވާހަކައެކެވެ. ނުވަތަ ޖިންނިއެއްގެ ބަސްދީގަތުމެކެވެ. ހުދު އަހަންނަށް ވެސް މި ވާހަކަ ގަބޫލުކުރާކަށް އެހައި ފަސޭހައެއް ނޫނެވެ. އެހެނަސް މިއީ ކިޔައިދިން މީހާ ކިޔައިދިން ގޮތެވެ.

އަހަންނަކީ މާލޭ މީހެކެވެ. ދިރިއުޅެނީ މާލޭގައެވެ. މެދުމިން ފިކުރުގެ، މެދު އުމުރުފުރާގެ ފިރިހެނަކީމެވެ. އަހަރެން ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް ހުންނަ ފަދައިން، އަހަރެން ގަބޫލުކުރާ ކަންތައްތަކާއި، ނުކުރާ ކަންތައްތައް ވެސް ހުރެއެވެ. ޖާދޫއަކީ ލޯމައްޗަށް ދައްކާ ދަޅައެކެވެ. މަކަރެކެވެ. މަކަރުހަދާލެއް މޮޅުކަމުން ބެލުންތެރިން ހައިރާންކޮށްލަނީއެވެ. މުސްތަގުބަލުގައި ވާނެ ކަންތައް އެކަކަށް ވެސް ކިޔައެއް ނުދެވޭނެއެވެ. މޫސުން ލަފާކުރެވިދާނެއެވެ. ހަނދަށް ދެވިދާނެއެވެ. އިރަކަށް ނުދެވޭނެއެވެ. މަރުނުވާ ގޮތެއް ނެހެދޭނެއެވެ. މުސްކުޅިވުމުގެ އަލާމާތްތައް ފާޅުވުން ލަސްކުރެވިދާނެއެވެ. ޖިންނިސައިތާނުންނަކީ ހަގީގަތެއްކަމަށް އަހަރެން ގަބޫލުކުރަމެވެ. އުޅޭ ތާކު އެސޮރުމެން އުޅޭނެއެވެ. އިންސީންނާއި ޖިންނީން ބައްދަލުވެ، ވާހަކަދައްކައި، ކައިވެނިކޮށް، ދެ ނަސްލު ގުޅިފައިވާ ދަރީންހޯދާ ވާހަކައަކީ ފުލޯކެކެވެ. އެހެނެއް ނުވާނެއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި، އިންސާނުންގެ ގިނަ މީހުން މަރުވާނީ، ހަމަލޮލުން ޖިންނިއެއް ނުފެނިއެވެ.

އަހަންނަކީ ދީނީ ކަންކަމަށް ފަރުވާތެރި މީހެކެވެ. ހުރިހައި ނަމާދެއް ވަގުތުގައި ކުރަމެވެ. ބިރުގަންނާނީ ހެއްދެވި ފަރާތް ދެކެ އެކަންޏެވެ. އަހަރެން ތުނބުޅި ބަހައްޓަމެވެ. ޖިންސުގެ ފައިކުރި ކަށިމައްޗަކަށް ނުހުންނާނެއެވެ. ފުޓުބޯޅަ ކުޅެމެވެ. އަނބިމީހާ ހުންނާނީ ކަޅުހެދުމުގައެވެ. މޫނުބުރުގާއެއް ނާޅާނެއެވެ. ޑުރާމާ ސީރީސް ބަލާނެއެވެ. ކުޅެ ސަކަރާތްޖަހާ އުމުރުގެ ދެ ދަރިން ތިބެއެވެ. އެ ކުދިން ޓީވީ ހުޅުވާނެއެވެ. ކާޓޫނު ބަލާނެއެވެ. ކުޅޭ އެކި ކަހަލަ ސާމާނުތައް ވެސް ގެންގުޅޭނެއެވެ. ކުޅޭ ގަޑިތަކުގައި ކުޅެވޭނެއެވެ. ނަމާދުކުރާ ގަޑިތަކާއި، ގުރުއާން ކިޔަވާ ގަޑިތަކުގައި ކުރަންޖެހޭނީ އެ ކަންކަމެވެ. ކަންކަން މަސްހުންޏެއް ނުކުރެވޭނެއެވެ.

އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެއެއް ހުރެއެވެ. އޭނަގެ ނަމަކީ ސިޔާހެވެ. ބޭބެއަކީ، ދެ އަންހެންދަރިންގެ ބައްޕައެވެ. ދަރިން ބޮޑުވި އިރު ބޭބެގެ ކައިވެނި ރޫޅިއްޖެއެވެ. ޒިޔާދާއަކީ ދޮށީ ދަރިއެވެ. މޮޅަށް ކިޔަވައިގެންހުރި، ހަރުދަނާ ކުއްޖެކެވެ. ހަގު ދަރިޔަކީ އަފުނާނެވެ. އަނގަ ގަދަ، ސަކަރާތް ބޮޑު ކުއްޖެކެވެ. ވަރަށް ބަސްއަހާ، މުރާލި ކުއްޖެއް ވެސް މެއެވެ. ދިރިއުޅުނީ ޒިޔާދާ ކައިރީގައެވެ. ފިރިމީހާޔާ އެކުގައި ޒިޔާދާ ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. އެ ކައިވެންޏަށް ތޭރަ އަހަރު ފުރިއްޖެއެވެ. ދެމަފިރިން ވެސް ދަރިޔަކު ބޭނުންވެގެން އެ ވާހަކަދައްކައެވެ. އެކަމަކު ދަރިޔަކު ނުލިބެއެވެ. އެންމެން ވެސް އެ ކަމާ ހައިރާންވެއެވެ. އެ މީހުން ނުލާހިކު ގިނައިން ބޭރު ދަތުރުތައް ކުރެއެވެ. އެކި ގައުމުތަކަށް ދެއެވެ. މައްސަލައެއް އޮތް ނަމަ ބޭސްކުރެވޭނެއެވެ.

ބޭބެގެ ދެބެންނާ ވެސް އަހަރެން ވަރަށް ގާތްކަން ބާއްވަމެވެ. އެ ދެބެން ވެސް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. އަހަންނަކީ އެ ކުދިންގެ ކުރިމަތީގައި، ކުދިންގެ ބައްޕައަށް ވުރެ ބަސްވިކޭ މީހެކެވެ. ބޭބެއަށް ވެސް އެ ކަން އެނގޭނެއެވެ. އެ ވާހަކަ ގިނައިން ދައްކާނީ ވެސް ބޭބެއެވެ. އެހެނަސް، ބޭބެގެ ހިތުގައި އެ ޝަކުވާ އޮންނަހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ.

ފިރިމީހާގެ ގެ ހަދަންޖެހިގެން ޒިޔާދާގެ ދެމަފިރިން، ވަގުތީގޮތުން އަހަރެންގެ ގެއަށް ބަދަލުވިއެވެ. އެކުގައި އަފުނާން ވެސް އައެވެ. ކޮންމެ ދުވަހަކު އެ ކުދިންނާ ދިމާވެ، ވާހަކަދެކެވެން ފެށިއެވެ. ބޮޑުކޮޓަރީ ސޯފާގައި، ވަރަށް ގިނައިން އަނގަތަޅަން އަހަރުމެން ތިބެމެވެ. ޒިޔާދާގެ ފިރިމީހާ އަދާކުރާ ވަޒީފާގެ ގޮތުން އޭނަ ގިނައިން އުޅޭނީ ގެއިން ބޭރުގައެވެ. ރަށުން ބޭރަށް ވެސް ދާންޖެހެއެވެ. އަހަރެން އަބަދުވެސް ހިތަށްއަރައެވެ. ޒިޔާދާ ކުއްޖަކު ނުހޯދަނީ ކީއްވެގެން ހެއްޔެވެ؟ ސީދާސީދާކޮށް އެ ސުވާލު އަހަން އަހަންނަށް އޮތީ ނުކެރިފައެވެ.

އެއްދުވަހަކު ތިމާގެ މީހަކު އޭނަގެ ދަރިފުޅު ގޮވައިގެން ގެއަށް އައެވެ. އޭނަ ގެއިން ދަންދެން ކުއްޖާ އުރައިގެން އުޅުނީ ޒިޔާދާއެވެ. ހަވީރު އެމީހުން ދިޔުމުން ޒިޔާދާގެ ހިތަށް ވަރަށް ފުން އަސަރެއްކުރިކަން އަހަންނަށް ފާހަގަކުރެވުނެވެ.

"ޒިޔާދާ ކީއްވެ ދަރިޔަކު ނުހޯދަނީ؟" އަހަރެން ސުވާލުކުރީމެވެ. "ނުލިބެނީތަ؟"

"ބޭބޭ! އަހަރުމެން ވަރަށް ޓްރައިކޮށްފިން. އެކި ޑޮކްޓަރުންނަށް ދައްކައިފިން. މައްސަލައެއް ނެތޭ ބުނަނީ،" ކުޑަކޮށް ދެރަވެފައި ޒިޔާދާ ބުންޏެވެ. "ނޭނގެ ކީއްވެގެންކަމެއް."

"ބޭބެ ދީފާނަން ހިޔާލެއް،" އަހަރެން ބުނީމެވެ. "ތި ބުނީތާ ޑޮކްޓަރުންނަށް ދައްކައިގެން އެއްވެސް ކަމެއް ނުވިއޭ! ދެން ރާގީއަކަށް ދައްކަންވީނު؟"

އަހަރެން އެހެން ބުނުމުން، ކިއި އެއްޗެއް ނުވިސްނިގެން ބަލާ ކަހަލަ ގޮތަކަށް ޒިޔާދާ ބަލަހައްޓައިގެން އިނެވެ.

"ރާގީއަކީ ރުގުޔާކުރާ މީހުން،" އަހަރެން އިތުރު ތަފުސީލުދިނީމެވެ. "ދައްކާލުމަކުން ގޯހެއް ނެތްތާ!"

"އޭރުން އެ މީހުން ކިހިނެއް ހަދާނީ؟" ޒިޔާދާ ސުވާލުކުރިއެވެ.

"އަނެއްހެން މާ ބޮޑު ކަމެއް ނުކުރާނެ. އެއީ ސިހުރެއް ނޫން ވިއްޔަ!" ފެނިފައިވާ މަންޒަރުތަކުގެ މައްޗަށް ބުރަވެ އަހަރެން ބުނީމެވެ. "އެންމެ ބޮޑުވަރަކަށް ވެސް ފެންފުޅިއެއް ދޭނީ."

ޒިޔާދާގެ މޫނުމައްޗަކުން އެއްވެސް ޝައުގުވެރިކަމެއް އަހަންނަކަށް ނުފެނުނެވެ. ބުނިހެން ހީވާ ކަހަލައެވެ. އެހައި މޮޅެތި ޑަކުޓަރުންނަށް ދައްކައިގެން ނުވި ކަމެއް، ފެންފުޅިއަކުން ވާނީ ކިހިނެއް ހެއްޔެވެ؟ އެހެނަސް، އެހެން ބުނަން ޒިޔާދާއަށް ނުކެރުނީކަން ނޭނގެއެވެ. އިންކާރެއް ނުކުރިއެވެ.

"އޯކޭ! ޓްރައިކޮށްލެވިދާނެ،" ޒިޔާދާ ބުންޏެވެ. "ހުސެއިންނާ ޑިސްކަސްކޮށްލާނަން."

ރާގީއަކު ހޯދަން އަހަރެންގެ އެހީއަކަށް ޒިޔާދާ ނޭދެއެވެ. އަހަރެން ހީކުރީ އޭނަ ދަންނަ ރައްޓެއްސަކު ހުރީކަމަށެވެ. ނުވަތަ ފިރިމީހާ ދަންނަ މީހަކު ހުރީކަމަށެވެ. ހުސެއިންއަކީ ޒިޔާދާގެ ފިރިމީހާއެވެ. އެ ދެ މީހުން ރައްޓެހިވުމުގައި ވެސް އަހަރެން ބޮޑު ދައުރެއް އަދާކުރީމެވެ. ހުސެއިންއަކީ ކޮން ކަހަލަ މީހެއްތޯ ބެލުމާއި، ބޭބެގެ ރުހުން ހޯދުމުގައި ވެސް މެއެވެ. އަހަރެންގެ ނިންމުމަކަށް ހުސެއިން ވެސް ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އަހަންނަށް އޮތެވެ.

ވަރަށް ވިއްސާރަ ރެޔެކެވެ. ކުޑަދޮރަކާ ދިމާއިން ފެން ވަންނާތީ އަހަރެން އުޅުނީ އެ ކަން ހައްލުކުރުމުގައެވެ. ކުއްލިއަކަށް ޒިޔާދާ ވަނެވެ. އޭނަ ހުރީ ކުޑަކޮށް ތެމިފައެވެ. އަތުގައި ކޮތަޅެއް އޮތެވެ.

"އޭ ބޭބޭ! މި އައީ ރާގީއަކަށް ދައްކާފަ!" ވަރަށް ހަމަޖެހިލާފައި ޒިޔާދާ ބުންޏެވެ.

"އެހެންތަ؟" އަހަންނަށް ބުނެވުނެވެ. "ކީކޭ އޭނަ ބުނީ؟"

"ވަރަށް ސަކަރާތޯ ބުނީ،" ޖަވާބުގައި ޒިޔާދާ ބުންޏެވެ. "މާ ލަސްވީޔޯ އަހަރެން ދެއްކިލެއް. އަހަރެން ގައިގަ އެބަ އިނޯ އެއްޗެއް. އެއީ ސިހުރެއް ހިފައިގެން އައި ޖިންނިއެކޯ ބުނީ!"

"ދެން ކިހިނެކޯ ހަދަންޖެހެނީ؟" އަހަރެން އެހީމެވެ.

"މީތި ގައިގަ އުނގުޅާލާށޯ!" ކޮތަޅުން ކުޑަ ފެންގުޅިއެއް ނަގައިފައި ދައްކައިލަމުން ބުންޏެވެ. "ކޮންމެ ފަހަރަކު ވެސް ފުޅީގެ މަތިނަގާ އިރު ބިސްމި ކިޔައްޗޯ ވެސް ބުނި. ދެން އެހެން ހަދަންވީ؟"

އަހަންނަކީ ރުގުޔާކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ. ރައްޓެހިން އެ ކަން ކުރާ ތަން ދެކެމެވެ. ކިޔާ ސޫރަތްތަކާއި، ކުރާ ދުއާތައް ވެސް އެނގެއެވެ. ދުވަހަކު ވެސް އެ ކަމެއް ނުއެއް ކުރަމެވެ. ޒިޔާދާ ދެއްކީ ކާކަށްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.

"އާނ ދެން ދައްކައިފިއްޔާ އޭނަ ބުނި ގޮތެއް ވެސް ވާނެއްނު ހަދަން،" އަހަރެން ބުނީމެވެ. "އެތައް ފަހަރަކު ޑޮކްޓަރަށް ވެސް ދެއްކިއްޖެތާ! އޭނަ އެ ބުނި ކަހަލަ ކަމެއް ހުރިއްޔާ މި ފަހަރު އެނގެންވާނެ. އަހަންނަކަށް ވެސް ސީދާ ނޭނގެ ވާނެ ގޮތެއް. އެކަމަކު، ކޮންމެވެސް ގޮތަކުން އެނގޭނެ."

ދޮރުން ފެންވަންނަ މައްސަލަ ހައްލުކޮށްފައި އަހަރެން އިށީނީ ފުޓުބޯޅަމެޗެއް ބަލާށެވެ. މެޗު ނިމުނީ ދަންވަރު ދޭއްޖަހަނިކޮށެވެ. ޓީވީ ނިއްވާލައިފައި އަހަރެން ނިދަން ކޮޓަރިއަށް ވަން ވަގުތު ދޮރުގައި ޓަކިޖަހައިލިއެވެ. ދޮރު ހުޅުވައިލި އިރު އަފުނާން ވަރަށް ކަންބޮޑުވެފައި ބަލަހައްޓައިގެން ހުއްޓެވެ.

"ބޭބެ ހިނގާބަލަ މައްޗަށް،" އަފުނާން ބުންޏެވެ. "އަވަސް އަވަސް!"

އަފުނާން އެހެން ބުނެފައި ދުވެފައި ގޮސް ސިޑިން މައްޗަށް އެރިއެވެ. އަހަރެން ވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެރި އިރު އަހަންނަށް ފެނުނީ އަންތަރީސްވާ ކަހަލަ މަންޒަރެކެވެ. ޒިޔާދާ ހުރީ އޭނަގެ ކޮޓަރީ ދޮރުމަތީގައި ކޮޅަށެވެ. އޭނަގެ ކަނާއަތް ހީވަނީ ހެލިކޮޕުޓަރެއްގެ ބުރަފަތިހެންނެވެ. ބުރު ނޭނގޭ ވަރަށް އަނބުރަމުންގެންދިޔައެވެ. އަހަރެން ހީކުރީ ޒިޔާދާ މޮޔަވީކަމަށެވެ.

"މާތްކަލާކޯ!" އަހަންނަށް ބުނެވުނެވެ. "ކީއް ތި ކުރަނީ؟ ތި އަތް ހުޅުން ނެއްޓިދާނެއްނު! ހުއްޓާލާ!"

އަހަރެން އެހެން ބުނީމައި ހީވީ ހައްތަހާ ބާރަށް އަނބުރަން ފެށިހެންނެވެ. އެކަމަކު، އަތް އެނބުރޭ ގޮތުން ޒިޔާދާ އެއްވެސް ބާރެއްނުލާކަން އެނގެއެވެ.

"ނުހުއްޓެޔޭ ބޭބޭ!" އަތުގެ ރިހުން އިހުސާސްކުރަމުން ޒިޔާދާ ބުންޏެވެ. "ބޭބެއަށް ހީވޭތަ އަހަންނަށް މިހާ ބާރަށް އަތް އެނބުރޭނެހެން؟ ކޮންމެވެސް ކަމެއް ކޮށްބަލަ ބޭބޭ! ޕްލީޒް!"

"ކިހިނެއްވެގެންތަ ތިހެންވީ؟" އަހަރެން އެހީމެވެ.

"ނޭނގެޔޭ!" ތަންކޮޅެއް ބާރަށް ޒިޔާދާ ބުންޏެވެ. "ފެން އުނގުޅާލިތަނާ ހަމަ ކުއްލިއަކަށް އަތް އެނބުރެން ފެށީ. ފެންފުޅި އެ އޮތީ ވިއްސައިގެންގޮއްސަ! އަޅެ ކޮންމެވެސް ކަމެއް ކޮށްބަލަ ބޭބޭ!"

އެ ހިސާބުން ޒިޔާދާގެ ބޯ ދެއަތަށް ހޫރެން ފެށިއެވެ. އާންމުކޮށް ހޫރާ ވަރަށް ވުރެ މާ ބާރަށެވެ. އަހަރެން ހިތަށްއެރިއެވެ. ރާގީ އެ ބުނީ ތެދެކެވެ. ޒިޔާދާގެ ހަށިގަނޑުތެރޭގައި އެއްޗެއް އެބަ އިނެވެ. ފެން އުނގުޅަން ފެށީމައި އޭނަ ގާތަށް ރުޅިއައީއެވެ. އަދި އަތުގެ ބޭނުން ކަނޑުވައިލީއެވެ. އެހައި ބާރަށް އަތް އެނބުރޭހައި ހިނދަކު އެ އަތަކުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ބޯހޫރުވަން ފެށުމުން ޒިޔާދާއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. ވަމުންދިޔަ އުނދަގުލާއި، ލިބެމުންދިޔަ ވޭނުން ޒިޔާދާ ހަޅޭއްލަވަން ފެށިއެވެ. އަހަރެން ބަންގިގޮވަން ފެށީމެވެ. ހަމަ ފެށިތަނާ ޒިޔާދާގެ ހަރަކާތް ހުއްޓުނެވެ. ބަންގި ނިންމާފައި އަހަރެން ކުރުސި ފެށީމެވެ. އޭރު ޒިޔާދާ ހުރީ ވަރުބަލިވެގެން ގޮސް ކޮޅަށް ނުހުރެވޭ ވަރު ވެފައެވެ. ހުރިހައި ހަރަކާތެއް ހުއްޓުމުން، ދެ އަތަކަށް ހެލިލާފައި، ހުރި ތަނަށް ޒިޔާދާ ދެމުނެވެ.

ނުނިމޭ