އީގަލްސް ބަލަން ނުތިބެ ޓީމު ވަރުގަދަ ކުރަން ފަށައިފި
އީގަލްސް ބަލަން ނުތިބެ ޓީމު ވަރުގަދަ ކުރަން ފަށައިފި

އާ ސިޒަނަށް ތައްޔާރުވުމުގެ ގޮތުން، ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކްލަބް އީގަލްސްއިން ފަށައިފި އެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން މާޒިޔާ އާ ދިމާލަށް ދީލާލި ފަހުން އީގަލްސްއިން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ އެ ޓީމަށް ލިބެން ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމެވެ. އެ ގޮތުން ވައިސް ކެޕްޓަން އިމްރާން ނަޝީދާއި އަބްދުﷲ ސަމީހް މޫސާ (ސަމިއްޓޭ) ވަނީ 2016 ގެ ޕްރެޒިޑެންޓްސް ކަޕް ގެ ކޮންޓްރެކްޓް އާ ކުރިކަން އިއުލާން ކޮށްފަ އެވެ.

ޔޫތު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބުން ދެން ނިންމި އަނެއް ނިންމުމަކީ ޒުވާން ތިން ކުޅުންތެރިން ފަސް އަހަރަށް ސޮއި ކުރުވުމެވެ. އެގޮތުން އެ ކްލަބްގެ 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ހުމައިދު ހުސައިން، ސީނިއާ ޓީމަށް ޕްރަމޯޓްކޮށްފަ އެވެ.

މިދިޔަ އަހަރު އިންޑިއާގެ ބްބަނޭޝަވަރުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ހުމައިދު ވަނީ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އީގަލްސް އަށް ދެން ސޮއި ކުރީ ލަމާން ޒުހައިރް، އައިހަމް ސައީދު (އައިކޮ) އަދި އަދި އަބްދުﷲ އާމިން އަލީ އެވެ.

ކުރިން އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މުބީން (މުއްކި) ހަތަރު އަހަރަށް ފަހު ވަނީ ތިން އަހަރަށް އެ ޓީމަށް ސޮއިކޮށްފަ އެވެ. އީގަލްސްގެ ޔޫތު ޓީމަށް ކުޅެ އެ ޓީމުގެ ސީނިއާ ޓީމުން ކެރިއާ ފެށި މުއްކި ވަނީ 2016 ގެ ޕްރެޒިޑެންޓްސް ކަޕް އެ ޓީމަށް ހޯދައި ދިނުމުގައި ހިއްސާ ވެފަ އެވެ.

ކުރިން ޓީސީ އަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު ވަނީ އީގަލްސް އަށް ބަދަލުވެފަ އެވެ. އަދި މިދިޔަ ދެ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީގައި މޮޅު ކުޅުމެއް ދެއްކި ވާތު ބެކް މޫސާ އަޒީމް ވެސް ވަނީ ސޮއި ކޮށްފަ އެވެ.

މި އަހަރުން ފެށިންގެން ފުރަތަމަ ޑިވިޝަންގައި ބިދޭސީ ހަ ކުޅުންތެރިންނަށް ކުޅެވޭނެ އެވެ. އީގަލްސްގެ އޮފިޝަލް ބުނީ ބިދޭސީ ފަސް ކުޅުންތެރިން ގެނައުމަށް ރަނގަޅު ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.