11 ފެބުރުއަރީ 2023 - 15:34

އަލަސްކާ (ފެބްރުއަރީ 11) - އެމެރިކާގެ އަލަސްކާ މަތިން އުދުހެމުން ދިޔަ ގޮތް ނޭނގޭ އުޅަދެއް، އެ ގައުމުގެ ވައިގެ އަސްކަރީ އުޅަނދަކުން ހަމަލާދީ ވައްޓާލައިފި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ އުޅަނދުގެ ބޮޑުމިނަކީ ކުޑަ ކާރެއްގެ ސައިޒު ކަމަށެވެ. ނަމަވެސް އެ އުޅަނދަކީ ކޯއްޗެއްކަން އެނގިފައި ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ. މި އުޅަނދަކީ މިދިޔަ ހޮނިހިރު ދުވަހު އެޓްލާންޓިކް ކަނޑަށް ވައްޓާލި ޗައިނާގެ ފުއްޕާހަމަށް ވުރެ މާ ކުޑަ އެއްޗެއް ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ގޮތް ނޭނގޭ އުޅަނދު ވައްޓާލަން މިސައިލް ފޮނުވާލީ އެފް-22 ރެޕްޓާ ޖެޓަކީ އިންސާނަކާ ނުލައި ދުއްވާ އުޅަނދެއް ކަމަށެވެ.
ގޮތް ނޭނގޭ އުޅަނދު ވައްޓާލީ އެލަސްކާގެ ކަނޑުގެ އައްސޭރިއަށެވެ. އޭގެ ބައިތައް ހޯދުމަށް ކަނޑުގެ އަސްކަރިއްޔާއި އެފްބީއައި އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުޅަނދު ވައްޓާލީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށެވެ. އުތުރު އެމެރިކާ ސަރަހައްދުގައި އަށް ދުވަސް ވަންދެން އޮތް ފުއްޕާހަމަކީ ޗައިނާގެ ފުއްޕާހަމެއްކަން ދެނެގަނެވުނަސް އިއްޔެ ވައްޓާލި މި އުޅަނދަކީ ކޮން ބައެއްގެ އެއްޗެއްކަމެއް އަދި ނުހޯދެ އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާން ޕެޓް ރައިޑާ ވިދާޅުވީ ގޮތް ނޭނގޭ އުޅަނދު ފާހަގަވީ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ކޮމާޝަލް ފްލައިޓްތައް އުދުހޭ ހިސާބުން ވެސް އެ އުޅަނދު ދަތުރު ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.