11 ފެބުރުއަރީ 2023 - 06:37

މަޝްހޫރު އެކްޝަން ސީކުއެލް، "ފާސްޓް އެންޑް ފިއުރިއަސް" ގެ ދިހަވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ފާސްޓް އެކްސް" ގެ ނަންދީފައިވާ މި ފިލްމުގައި ޑީސީ ސިނަމެޓިކް ޔުނިވާސްގެ ޖަސްޓިސް ލީގުގެ ހީރޯއެއްގެ ރޯލުން ފެނުނު ޖޭސަން މޮމޯއާ އަދިމާވެލް ސިނަމެޓިކް ޔުނިވާސްގެ ހީރޯ ބްރީ ލާސަން މެއިން ކެރެކްޓާއިންގެ ރޯލަކުން ތައާރަފް ވާނެ އެވެ.

ލޫއީ ލެޓާރިއާ ޑައިރެކްޓަރު ކޮށްފައިވާ މި ފިލްމުގައި ގިނަ އަދަދެއްގެ އާ ކާސްޓުންނާ އެކު، "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރީގެ ގިނަ ކާސްޓުންތަކެއް ވެސް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ މިހާރު ޕްރޮޑަކްޝަންގެ މަސައްކަތުގައި އުޅޭ އެ ފްރެންޗައިޒްގެ ފައިނަލް ފިލްމު، ފާސްޓް އެންޑް ފިއުރިއަސްގެ 11 ވަނަ ފިލްމަށް ތައްޔާރުކުރާ ފިލްމެވެ.
މި އަހަރުގެ މެއި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފޮޓޯތަކެއްގައި އަލަށް ތައާރަފްކުރާ ބްރީ އަދި ޖޭސަންގެ ސީންތަކުގެ ފޮޓޯތަކާ އެކު، އެ ފްރަންޗައިޒްގައި މަގްބޫލު ވިން ޑީޒަލްގެ ޑޮމް، އޭނާގެ މަޝްހޫރު ކާރު، "ޑޮޖް ޗެލެންޖާ" އާ އެކު ހުރި ފޮޓޯއެއް ވެސް ފެނެ އެވެ.
އެ ސީކުއެލްގެ މަގްބޫލު ކެރެކްޓާއިންގެ ރޯލުތަކުން ފެންނަ ޑީޒަލްގެ އިތުރުން، ޓައިރީސް ގިބްސަން އާއި، ލުޑަކްރިސް އާއި، ޖޯޑާނާ ބްރޫސްޓާ އާއި، މިޝޭލް ރޮޑްރީގަޒް އަދި ސަންގް ކަންގްގެ އިތުރުން ނަތަލީ އިމަނުއޭލް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.