21 ޖެނުއަރީ 2017 - 06:25

ކޮފީއާ ބެހޭ ގޮތުން ކުރާ ދިރާސާތަކުން، އޭގެ ގެއްލުމަށް ވުރެ ފައިދާގެ ލިސްޓް ވަނީ ދިގެވެ. ކެފެއިންގެ މައިގަނޑު ވަސީލަތް ކަމަށްވާ ކެފެއިން އަކީ ހިތުގެ ބަލިތަކާ ގުޅުން ހުރި އިންފްލެމޭޝަންތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ދިރާސާ ޓީމަށް ފާހަގަވި ގޮތުގައި ބައެއް މީހުންގެ އުމުރުން ދުވަސްވުމުން އިންފްލެމޭޝަންއާ ގުޅުން ހުރި ބައިގެ މަސައްކަތްތައް އިތުރުވެ އެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް ލޭ ހޮޅިތައް ހަރުވެ އެވެ.
އެކަމަކު ލެބޯޓަރީގައި ކުރި ތަހުލީލުތަކުން އެނގުނު ގޮތުގައި ކެފެއިން އިން "އިންފްލެމޭޓަރީ ޕްރޮސެސް" ބްލޮކް ކޮށްލަ އެވެ.
އެކަމަކު މީގެ މާނަ އަކީ ކޮފީ އަކީ އުމުރުން ދުވަސްވުމުގެ އަސަރުތައް ކުޑަކޮށްދޭ އެއްޗަކަށް ވުން ނޫން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ސްޓެންފަޑް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގައި މި ދިރާސާގައި އިސްކޮށް ހުންނެވި ޑޭވިޑް ފާމަން ވިދާޅުވީ ކޮފީގެ ސަބަބުން އުމުރު ދިގުވާ ކަމަށް ބުނާ ދިރާސާތަކުގެ ހަގީގަތް މި އާ ދިރާސާއިން އިތުރަށް ހާމަވާ ކަމަށެވެ.
"ދިގު މުއްދަތަކަށް ތަހަންމަލްކުރަންޖެހޭ އިންފްލެމޭޝަންތަކާ ގުޅުން ހުރި އެތައް ސަތޭކަ މަގުތަކެއް ހުރޭ. މި ދިރާސާގައި މި ދެނެގަނެވުނީ އެންމެ ކަމެއް،" ފާމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެފެއިން އިން ނޫނަސް އިންފްލެމޭޝަންގެ ޕްރޮސެސްއަށް އަސަރުކުރާ މާއްދާތައް ހުންނަ ކަމަށެވެ. އެގޮތުން އޮމެގާ-3 ފެޓީ އެސިޑު ފާހަގަކުރައްވާފައިވެ އެވެ.
މި ދިރާސާ ކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ބައެއް ސައިންސްވެރިން ވަނީ މި ދިރާސާގެ ނަތީޖާ އަކީ މާގިނައިން ކޮފީ ބޯންޖެހޭ ސަބަބެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ މިއީ ހިތުގެ ބައްޔާ ގުޅުން ހުރި އިންފްލެމޭޝަންތަކަށް ފަރުވާ ހޯދުމުގައި ފަރުވާ އަމާޒުކުރަންވީ ކޮން ކަމަކަށްތޯ ދެނެގަނެވުނު ދިރާސާއެއް ކަމަށެވެ.