ވާދަވެރިން ވަރުގަދަ ވިޔަސް އީގަލްސް އިން ދުލެއް ނުދޭނެ: ސާންތީ
ވާދަވެރިން ވަރުގަދަ ވިޔަސް އީގަލްސް އިން ދުލެއް ނުދޭނެ: ސާންތީ

މި ސީޒަނަށް ވާދަވެރި ޓީމުތައް ވަރުގަދަ ވުމަކީ އީގަލްސް އިން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެ ޓީމުން ވެސް ސީޒަނަށް ބޮޑު އުއްމީދެއް ކުރާތީ ދުލެއް ނުދޭނެ ކަމަށް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ވާދަވެރިން ވަރުގަދަ ވިޔަސް އީގަލްސް އިން ދުލެއް ނުދޭނެ: ސާންތީ
ވާދަވެރިން ވަރުގަދަ ވިޔަސް އީގަލްސް އިން ދުލެއް ނުދޭނެ: ސާންތީ

މިދިޔަ ސީޒަނުގައި އީގަލްސް އަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިން ސާންތީގެ މުސްތަގުބަލާ ގުޅޭގޮތުން ފުރަތަމަ ސުވާލު އުފެދުނު ނަމަވެސް އޭނާ ވަނީ އެ ޓީމާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސާންތީ ބުނީ އެ ޓީމުގެ ފުރަތަމަ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ އަހަރެއް. އެހެންވުމުން އީގަލްސްގެ ފުރަތަމަ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަތަރެއް. އެއީ އެ ހިސާބުން ކުރިޔަށް ދެވެން އޮތީ. އެއީ ގަދަ ހަތަރެއްގައި ނިންމާ ނުލެވިއްޖެނަމަ މައްސަލަތަކާ ކުރިމަތިވާނެތީ،" ސީޒަނާ ގުޅޭގޮތުން ސާންތީ ބުންޏެވެ.

އީގަލްސް އަކީ ފަހަކަށް އައިސް އެންމެ ގިނަ ޒުވާން ކުޅުންތެރިން ސީނިއާ ޓީމަށް ނެރޭ ޓީމެވެ. އެ ޓީމުން ވަނީ ފާއިތުވި ތިން އަހަރަށް ބަލާއިރު ޔޫތު މުބާރާތް ދެ ފަަހަރު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް އެ ކްލަބުން އުފުލާލިއިރު ވެސް ސީނިއާ ޓީމުގައި ވެސް ޒުވާން ކުޅުންތެރިންގެ ދައުރު ބޮޑެވެ.

"އީގަލްްސް އަކީ މާ ގިނަ މަޝްހޫރު ކުޅުންތެރިން ގެނެސްގެން ކުޅޭނެ ކްލަބެއް ނޫން. މި ކްލަބުގެ އެއްޗަކީ ޓީމު. ޓީމެއްގެ ގޮތުގައި އީގަލްސް އިން ކުރާ ހިތްވަރުން މި ޓީމަށް ނަތީޖާ ނެރެވެނީ،" ސާންތީ ބުންޏެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ އަށް ބެލިޔަސް މާ ގިނަ މަޝްހޫރު ކުޅުންތެރިން ލައިގެން ގިނަ މައްސަލަ ޖެހިފައި އޮންނަތަން މި ފެންނަނީ. ބަދަލުގައި ޓީމެއް ބިނާކުރުމުން ކްލަބަށް ވެސް މުސްތަގުބަލަށް ވެސް ކުރާ ފައިދާ ބޮޑު."

މި ސީޒަނަށް ގިނަ ޓީމުތަކުން ވަނީ މަޝްހޫރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އާދައިގެ ގޮތަކަށް ފެނުނު ނިއު ރޭޑިއަންޓާއި ވިކްޓަރީ ހިމެނެ އެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަން ނިއު އާއި ވިކްޓަރީ އަދި މާޒިޔާ ވަރަށް ވަރުގަދަ ކޮށްފި. އެކަމަކު އީގަލްސް އިން މާޔޫސްވާންވީ ކަމެއް އޭގައި ނެތް. ސަބަބަކީ އޭގެން އެއްވެސް ޓީމަކަށް އައިސް އީގަލްސް އަށް ބޭނުން ގޮތެއް ހަދާނުލެވޭނެތީ،" ސާންތީ ބުންޏެވެ.

މި ސީޒަނަށް އީގަލްސް އިން ގެނައި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ފާއިތުވި އަހަރުތަކުގައި މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނައްޓޭ) އެވެ.