ވަށަފަރު ސިޓީ ހޮޓަލުގެ 50 ޕަސެންޓް ނުނިމޭ: ކައުންސިލް
ވަށަފަރު ސިޓީ ހޮޓަލުގެ 50 ޕަސެންޓް ނުނިމޭ: ކައުންސިލް

ހއ. ވަށަފަރު ސިޓީ ހޮޓަލުގެ 50 ޕަސެންޓް މަސައްކަތް ނުނިންމާ ކަމަށާއި އެ ތަނުގައި ހަދަން ޖެހޭ ސާމްޕަލް ކޮޓަރިތައް ވެސް ނުނިމޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން އެ ބަޔާން ނެރުނީ، ވަށަފަރު ސިޓީ ހޮޓަލުގެ އެއްބަސްވުން ބާތިލު ކުރުމުން، އެ މަޝްރޫއު ހަވާލުކުރި ފަރާތުން އޭސީސީ އަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން "މިހާރު" އިން ޝާއިއު ކުރި ލިޔުމާ ގުޅިގެންނެވެ.

ވަށަފަރު ކައުންސިލްގެ ބަޔާނުގައި ބުނީ ސިޓީ ހޮޓާ ހަދަން ހއ. ހޯރަފުށީގެ ތޮއްލަތު ރަޝީދާ ހަވާލުކުރިއިރު، އެ ތަނުގެ ކޮންސްޓްރަކްޝަން ޕާމިޓް ހޯދަން ވަކި މުއްދަތަކެއް ދިން ކަމަށެވެ. އެއީ އެއްބަސްވި ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ.

ކައުންސިލުން ބުނިގޮތުގައި، ތިން އަހަރާއި 8 މަހުގެ މުއްދަތެއް ފާއިތުވި އިރު އެ މަސައްކަތް ކުރުމަށްޓަކައި ކައުންސިލަށް ހުށަހަޅަން ޖެހޭ ޑޮކިއުމެންޓްތައް ވެސް ހުށަހެއް ނާޅަ އެވެ. އަދި ބާ ތަކެތީގައި ތަނުގެ މަސައްކަތް ކުރާތީ އެކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނީ މަސައްކަތް ހަވާލުކުރިތާ 8 އަހަރުވީ އިރު ވެސް އެ ތަނުން ރައްޔިތުންނަށް އެެއްވެސް މަންފާއެއް ނުކުރާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް އެ ރަށަށް ކޮންޓްރެކްޓަރު ކޮށްދޭން ނިންމި ކަންކަން ވެސް ނުކޮށްދޭ ކަމަށް ކައުންސިލުން ބުންޏެވެ.

ވަށަފަރުގެ އުތުރުން 300،000 އަކަފޫޓްގެ ސަރަހައްދެއް ސިޓީ ހޮޓަލެއްގެ ގޮތުގައި ހަދަން ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. އެ ސިޓީ ހޮޓަލުގައި 102 ކޮޓަރި ހެދުމަށް ހަމަޖެހިފައި ވާއިރު މިހާތަނަށް ހަދާ ނިންމާފައިވަނީ 24 ކޮޓަރި އެވެ. އެ މަސައްކަތުގެ ގާތްގަނޑަކަށް 50 ޕަސެންޓު ނިމުނު ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ.

އެ މައްސަލަ ސިޓީ ހޮޓާ ހަދާ ފަރާތުން އޭސީސީ އަށް ހުށަހެޅީ އެއްބަސްވުން ބާތިލު ކުރުމުގައި ވަށަފަރު ކައުންސިލުން އަމަލުކުރި ގޮތް ބަލައިދީ، އެ ނިންމުން ނިންމުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށެވެ.