އެހީވުމުގައި ލަސްތަކެއް އެބަހުރި: އުރުދުޣާން
އެހީވުމުގައި ލަސްތަކެއް އެބަހުރި: އުރުދުޣާން

މިދިޔަ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްތަކެއް އެބަހުރި ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އުރުދުޣާން އެކަމަށް އެއްބަސްވެވަޑައިގަތީ، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަށް އިއްޔެ ޒިޔާރަތް ކުރައްވައި، ހާލުގައި ޖެހިފައި ތިބި މީހުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދަނީ، އެންމެ ބޭނުންވާ ދުވެލީގައި ނޫންކަމަށް ގަބޫލު ކުރެއްވެ އެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ޣާޒީ އީންތާބް ޕްރޮވިންސްގައި ހުރި ވަގުތީ ފޭލިގެތަކުގައި ތިބި މީހުންނާ ބައްދަލުކުރައްވަމުން، ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި އެހީގެ ކަންތައް ލަސްވަނީ ވަރަށް ގިނަ ސަބަބުތައް މެދުވެރިވުމުންނެވެ. އޭގެ ތެރޭގައި، ބައެއް ވައިގެ ބަނދަރުތަކުގައި ހުރި ދަތިތަކާއި، ބައެއް ހައިވޭތަކާއި މަގުތައް ހަލާކުވެފައި ހުރުމުން، އެހީގެ ސާމާނު ހިފައިގެން ދަތުރުކުރުމަށް ހުރަސް އެޅިފައިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

މަގުތަކަށް އާންމުން ނުކުމެ، ވާނުވާ ބެލުމުގެ ގޮތުން ވެސް ވަރަށް ގިނަ ބަޔަކު އެއްގަމު އުޅަނދުތަކުގައި މަގުތަކުން ދަތުރުކުރާތީ ވެސް، އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ އަސްކަރީ އުޅަނދުތަކަށް ދަތިވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އެހެންކަމުން، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ މަގުތަކަށް ނުނިކުމެ، އެހީގެ މަސައްކަތަށް މަގުތައް ހުސްކޮށްދިނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ތުރުކީ ވިލާތަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި ވަކި ބައެއްގެ ސިޔާސީ މަންފާއަށް، ސަރުކާރު ބަދުނާމުކޮށް ބައެއް މީހުން ދޮގު ވާހަކަތައް ފަތުރަމުންދާތީ، ރައީސް އުރުދުޣާން ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ހައްސާސީ ވަގުތެއްގައި އެފަދަ ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދަން މަދު ބަޔަކު މަސައްކަތް ކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހީ ފޯރުކޮށްދިނުމުގައި މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ގަދަ ފިނީގެ އުނދަގުލެވެ. އޭގެ އިތުރުން ލިބިފައިވާ ގެއްލުމުގެ ބޮޑުކަމާއި، 13.5 މިލިއަން މީހުން ދިރިއުޅެމުން އަންނަ، 500 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައިވުމަކީ ވެސް، އެހީ ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ބުނި ގޮތުގައި ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 12391 އަށް އަރައިފަ އެވެ. އަދި 50000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި، އިތުރު އެތައް ހާސް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެ އެވެ.

ސީރިޔާ އިން ބުނި ގޮތުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2992 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެހެންކަމުން، ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު، ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ދެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު 15383 އަށް ވުރެ މައްޗަށް ދިޔައީ އެވެ.

ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާންމަރަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.