08 ފެބުރުއަރީ 2023 - 23:05

އޭނާގެ ސަރުކާރެއްގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުން ގެސްޓް ހައުސްތައް އިމާރާތްކޮށް ދީފައި ދޭނީ ތަޅުދަނޑި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވަން އެ ރަށުގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، ގެސްޓް ހައުސް ހަދަން ބިން ދިނުމުން، ބެންކުގައި އެ ބިން މޯގޭޖުކޮށް، 12 ޕަސެންޓްގެ އިންޓަރެސްޓް ހިމެނޭ ލޯނެއް ނަގައިގެން ވެސް ޒުވާނުންނަށް މިހާރު އެ ތަންތަން ނުހެދޭ ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކަނޑައަޅާ ވަކި ރަށްރަށަކުން ގެސްޓް ހައުސް ހަދަން ބިން ދިނުމުގެ ބަދަލުގައި އެ ރަށްރަށުން ގެސްޓް ހައުސް ވިޔާފާރި ކުރުވާނީ އެ ތަންތަން އިމާރާތްކޮށް ދިނުމަށް ފަހު ކަމަށެވެ.
"ހަތަރު ބުރި، ފަސް ބުރީގެ ގެސްޓް ހައުސް ހަދާފައި ޒުވާނުންނަށް ތަޅުދަނޑި ދީފައި އަޅުގަނޑުމެން ބުނާނީ ދެން ވިޔަފާރިކޮށްފައި ދައްކާށޭ،" ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާ ނާޒިމު ވިދާޅުވިގޮތުގައި، ގުރައިދޫގައި 10 ބުރީގެ ގެސްޓް ހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އޭނާ ވަނީ ފައްޓަވައިފަ އެވެ. އެ ގެސްޓް ހައުސް އިން ގުރައިދު އަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"އެ ތަނުގައި ވަޒީފާ އަދާކުރާ 95 ޕަސެންޓަކީ މި ރަށުގެ މުވައްޒަފުންނަށް އަޅުގަނޑު ހަދާނަން. އެ ގެސްޓް ހައުސް ނިމޭއިރަށް ދެން ޖެހިގެން އޮތް ބިން އެ ވަނީ ތައްޔާރުކޮށްފައި. އެ ބިމުގައި ވެސް ގެސްޓް ހައުސް ހަދާފައި އަޅުގަނޑު ހުއްޓާލާނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ގެސްޓް ހައުސް ގުރައިދޫގައި ހުޅުވިޔަސް މިހާރު ވެސް ވިޔާފާރި ކުރާ މީހުން ޖެހިލުން ވާން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުގެ ބޭނުމަކީ މި ރަށަކީ ގެސްޓުން އެންމެ ގަޔާވާ އެންމެ ލޯބިވާ މަގުބޫލު ތަނަކަށް ހެދުމަށްޓަކައި އެންމެން އެއްވެގެން ކުރުން. އެ ތަން މަގުބޫލު ވެގެން ދާއިރުގައި އިރާދަކުރެއްވިއްޔާ ހުރިހާ އެންމެންނަށް ގެސްޓް ހައުސް ވިޔަފާރި ކުރާ އެންމެންނަށް ފައިދާވާ ގޮތަށް އަޅުގަނޑު ހަދާނަން،" ނާޒިމް ވިދާޅުވި އެވެ.
ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން އާސަންދަ ހިދުމަތަށް ނާޒިމްގެ މިރޭގެ ވާހަކައިގައި އަލިއަޅުވައި ލެއްވި އެވެ.
ވިދާޅުވީ، ހިލޭ ބޭސްފަރުވާގެ ނިޒާމު، އާސަން ހޯދަން އަދިވެސް ޖެހެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބޭސް ފަރުވާ އަށް ރިޔާސީ ގަނޑުވަރު ތީމުގެ އިން ދޭ އެހީ އަށް ހޯދަން ސަލާން ޖަހާ އުސޫލުން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަން ބަދަލު ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އާސަންދަ އަށް ފޯމު ލައިގެން މަޖިލީހުގެ ކޮންމެ ވެސް މެންބަރަކަށް ގުޅައިގެން ނޫނީ އެ ފޯމު ގުޑައެއް ނުލާނެ. އެންސްޕާ އަށް ފޯމެއް ލައިގެން ވެސް އުޅެން ޖެހެނީ އެހެން. ތީމުގެ އަށް ސަލާން ޖެހުން ނިމިއްޖެ ކަމަށް އެއްވެސް ސަރުކާރަކުން ކިޔާނެ ކަމެއް ނެތް. އަދިއެއް އެކަން ނުނިމޭ،" ނާޒިމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން ނިންމާނަން."
ނާޒިމް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދަން ތައާރަފު ކުރާނީ އިންޝިއުރެންސް ކާޑެއް ކަމަށެވެ.
"އެ ކާޑު ހިފައިގެން ދިޔައީމާ މީހެއް ކައިރިއަކަށް ދާކަށް ނުޖެހޭނެ. ސަލާން ޖެހުން ނިމުނީ. އިރާދަކުރެއްވިއްޔާ އެ މީހަކަށް އެ ބޭނުންވާ ފަރުވާ ރާއްޖެ އާއި ރާއްޖެއިން ބޭރުން ހަމަޖެހިގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.