ކޮސްޓާ ޓީމާ އެކު ޕްރެކްޓިހަށް ނުކުމެއްޖެ
ކޮސްޓާ ޓީމާ އެކު ޕްރެކްޓިހަށް ނުކުމެއްޖެ

ލަންޑަން (ޖެނުއަރީ 18) – ޗައިނާ އަށް ބަދަލުވާން އުޅޭތީ ކްލަބާ މައްސަލަ ޖެހިފައިވާ ކަމަށް އަޑުއަރާފައިވާ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ދުވަސްކޮޅަކަށް ފަހު ސީނިއާ ޓީމާ އެކު އިއްޔެ ޕްރެކްޓިސްކޮށްފި އެވެ.

ޗައިނާގެ ޓިއަންޖިން ކުއަންޖިއަން އިން ކޮސްޓާ އަށް އަހަރަކު 30 މިލިއަން ޕައުންޑުގެ މުސާރައެއް ހުށަހެޅުމާ އެކު އޭނާ ވަނީ އެ ކްލަބަށް ބަދަލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ބުރަކަށްޓަށް އަނިޔާވެފައިވާ ކަމަށް ބުނެ، ކޮސްޓާ ވަނީ ޕްރެކްޓިސް ކުރަން ދެކޮޅު ހަދަފައިފަ އެވެ. ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ލެސްޓާ ސިޓީ އަތުން 3-0 އިން ޗެލްސީ މޮޅުވި މެޗުގެ ސްކޮޑުގައި ވެސް ކޮސްޓާ ނުހިމަނަ އެވެ.

އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ކޮސްޓާ ނުކުޅުނީ ބުރަކަށީގެ އަނިޔާއެއް އުޅޭތީ ކަމަށާއި އޭނާ ފިޓްވާނެ ދުވަހެއް ނޭގޭ ކަމަށެވެ. އެކަމަކު އިއްޔެ އޭނާ ފުލް ޓީމާ އެކު ފަރިތަކޮށްފައިވާތީ ބެލެވޭ ގޮތުގައި އާދީއްތަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް އޭނާ ކުޅޭނެ އެވެ.

ކޮސްޓާ ޗެލްސީގެ ޕްރެކްޓިހަށް ނުކުތުން ވަނީ އެހެން ކަމަކާ ވެސް އިއްތިފާގުވެފަ އެވެ. އެއީ ޗައިނާގެ ކްލަބްތަކަށް ކުޅޭވޭނީ ބިދޭސީ ތިން ކުޅުންތެރިންނަށް ކަމަށް ގަވާއިދު ހެދުމާ އެކު ޓިއަންޖިން ކުއަންޖިއަން އަށް ކޮސްޓާ ގެންނަން މައްސަލަތައް ކުރިމަތިވުމެވެ.

އެހެން ނޫނަސް ޗެލްސީގެ ވެރިޔާ ރޯމަން އަބްހަރަމޮވިޗް ވަނީ އެއްވެސް އަގެއްގައި އޭނާ ވިއްކާނުލަން ނިންމައިފަ އެވެ. ސަބަބަކީ ލީގުގެ އެއް ވަނައިގައި އޮތް ޓީމަށް 14 ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާގެ މުހިއްމުކަން ބޮޑުވުމެވެ.