08 ފެބުރުއަރީ 2023 - 21:14

ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުން ފައިދާވީ އެހެން މީހުންނަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އޭނާ އަށް ވީ ފައިދާއަކީ ރައްޔިތުންނަށް ފައިދާވުން ކަމަށެވެ.

ގާސިމް ވިދާޅުވިގޮތުގައި، މިހާތަނަށް އޭނާ ކުރެއްވި މަސައްކަތުން ފައިދާވީ އެހެން ބައެއް ވިޔަފާރިވެރިންނަށެވެ. އަދި 1984 އިން ފެށިގެން ވިޔަފާރިވެރީގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފަހުން ވީ "އަނިޔާ" ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކި ކަންކަމާ ގުޅުވައިގެން ޖަލަށް ލުމާއި އޭނާގެ ވިޔަފާރި އަށް ހުރަސް އެޅުމާއި "ތަކެތި ހިފެހެއްޓުން" ފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ފަސް އަހަރު "ހަމަނޭވާލައިގެން" އުޅުއްވުނު ކަން ފާހަގަކުރެއްވި ނަމަވެސް ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ތެރެއިން ޖޭޕީ އަށް 10 ޕަސެންޓާ ހަމައަށް ވެސް މަގާމުތައް ހަމަނުޖޭ ކަމަށް މިއަދު ވެސް ވިދާޅުވި އެވެ. އަދި މަގާމުތައް ބަދަލުކޮށް ނުވަތަ އުވާލާއިރު ވެސް މަޝްވަރާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެއާއެކު، ގައުމުގެ ބޮޑެތި ކަންކަން ނިންމާއިރު މަޝްވަރާ ނުކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު، އޭނާ ދެކެވަޑައިގަންނަވާ ގޮތް އެ ކަންކަމުގައި ހާމަކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އުޅުއްވަނީ ވެރިކަން ބޭނުންވެގެން ނޫން ކަމަށާއި މުހިންމީ ދިވެހިންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ކަމަށް ކަންކަން އޭނާ އަށް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން އަދި ގޮތެއް ނުނިންމަ އެވެ. އެކަމަކު، މި މަހުގެ 24 ގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ނިންމާ ނިންމުންތަކުން އެ ކަން ސާފުވާނެ ކަމަށް ބެލެވެ އެވެ.
ޖޭޕީން މިހާރު ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރާށެވެ
ޖޭޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ މަގާމު ފުރުއްވަނީ ގާސިމެވެ. ސިޔާސީ އެންމެ އިސް މަގާމުގެ ގޮތުގައި އޭނާ ހުންނަވާއިރު އިދާރީ ގޮތުން އެންމެ އިސް ބޭފުޅަކީ އެ ޕާޓީގެ ރައީސެވެ. ދެން ތިއްބަވަނީ ނައިބު ލީޑަރުންނެވެ.