08 ފެބުރުއަރީ 2023 - 18:06

މިދިޔަ ހޯމަ ވިލޭރޭ ތުރުކީ ވިލާތަށް ބިންހެލުން އައި ސަރަހައްދަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ޒިޔާރަތް ކުރައްވައި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތާއި، ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފި އެވެ.
އެ ސަރަހައްދުގައި ހުންނަވައި ޓީވީ މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 8574 އަށް އަރައިފަ އެވެ. އަދި 50000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި، އިތުރު އެތައް ހާސް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ސީރިޔާ އިން ބުނި ގޮތުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2530 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެހެންކަމުން، ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު، ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ދެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު 11100 އަށް ވުރެ މައްޗަށް ދިޔައީ އެވެ.
ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރެއިން ރައީސް އުރުދުޣާން މިއަދު ވަޑައިގަތީ، ބިންހެލުމުގެ މަރުކަޒު ކަމަށްވާ ގަހްރަމާންމަރަސް ޕްރޮވިންސަށެވެ. އޭނާގެ މި ޒިޔާރަތުގައި، ބިންހެލުމުގައި ގެދޮރު ގެއްލުމުގެ ސަބަބުން ވަގުތީ ފޭލިގެތަކުގައި މިހާރު ތިބި މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ހާލު އޮޅުން ފިލުއްވި އެވެ.
ތުރުކީ ވިލާތަށް މިހާރު ކުރިމަތިވެފައިވާ ބޮޑު ކާރިސާގެ ސަބަބުން، ރައީސް އުރުދުޣާން އިއްޔެ ވަނީ އެ ގައުމުގެ 10 ޕްރޮވިންސެއްގައި، ތިން މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.
ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭ އިރު، މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސީރިޔާ އިން ބުނި ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބޭރު ގައުމުތަކުން އެ ގައުމަށް ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެގައުމަށް ގެނައުމަށް ވަނީ ހުރަސް އެޅިފަ އެވެ. ބޭރު ގައުމުތަކުން އެހީގެ ސާމާނު ފޮނުވަން ބޭނުންވިޔަސް، އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުތައް ސީރިޔާ އަށް ތިރިކުރަން އެ ގައުމުތަކުން ދެކޮޅު ހަދާ ކަމަށް ވެސް ސީރިޔާ ސަރުކާރުން ބުނެ އެވެ.
ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާންމަރަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.