08 ފެބުރުއަރީ 2023 - 19:54

ވިލިމާލޭގައި 500 ހައުސިން ޔުނިޓު އެޅުމަށް ކޮމިއުނިޓީ ގާޑަން އެހެން ތަނަކަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
އެ ކައުންސިލުން ބޭއްވި ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ ކައުންސެލަރު ސައިފު ފާތިހު ވިދާޅުވީ މިދިޔަ މާޗު މަހު ހުޅުވި ކޮމިއުނިޓީ ގާޑަން އަކީ ގިނަ ބަޔަކު އާމްދަނީ ހޯދައި އަދި އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފައިދާކުރާ ތަނެއް ކަމަށެވެ.
އެހެންވެ، ކައުންސިލް ހައުސިންގެ މަޝްރޫއު ފަށަން ކައިރި ވުމުން އެތަން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
އެކަމަށް ޖަވާބު ދެއްވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮމިއުނިޓީ ގާޑަން ބަދަލުކުރާނީ ހައުސިން މަޝްރޫއު ޔަގީންވީމަ ކަމަށެވެ.
އެމްޑީޕީގެ މެމްބަރު ސައިފު ވިދާޅުވީ ކައުންސިލަށް ހައުސިން މަޝްރޫއު ކުރިއަށްގެންދެވޭނެ ކަމަށެވެ. ނަމަވެސް، އެކަން ލަސްވެގެން ދަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ދިގުލައިގެން ދާތީ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވަނީ ރޯދައިގެ ފަހުން ކޮމިއުނިޓީ ގާޑަން ބަދަލުކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އެތަން ބަދަލުކުރާއިރު، ކައުންސިލާއެކު ފަސް އަހަރުގެ އެގްރިމެންޓެއް ހަދައި ގޮޅީގެ ސައިޒު ބޮޑުކޮށް އަދި އިތުރު 10 މީހަކަށް ގާޑަން ހިންގުމަށް ފުރުސަތު ދިނުމަށް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް، ސައިފު ވިދާޅުވީ ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ކުރާ ވިޔަފާރިތަކަށް ވެސް ފަސް އަހަރުގެ މުއްދަތު ދިގު ކަމަށެވެ.
ކޮމިއުނިޓީ ގާޑެން އިން 30 މީހަކަށް ގޮޅި ދޫކޮށްފައިވެ އެވެ. އެ ތަނުން މިހާރު ނަގަމުން އަންނަނީ 500ރ. ގެ މަހު ކުއްޔެވެ.
އެ ތަނުގައި ތަފާތު ވައްތަރުގެ ތަރުކާރީ އާއި މޭވާ އަދި އެކި ވައްތަރުގެ މާ ގަސްތައް ހައްދައި ވިޔަފާރިކުރެވެ އެވެ.