18 ޖެނުއަރީ 2017 - 09:04

ލަންޑަން (ޖެނުއަރީ 18) – ބޭނުންވަނީ މި ސީޒަނުގެ ޕްރިމިއާ ލީގު ޗެލްސީއާ އެކު އިޓަލީގެ ކޯޗު އެންޓޯނިއޯ ކާމިޔާބުކުރުމަށް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ އިޓަލީ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
ލީގު ދެ ބައިވެފައިވާއިރު ލެސްޓާ އޮތީ 21 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު 31 ޕޮއިންޓުގެ ފަރަގެއް އޮތުމާ އެކު ލެސްޓާ އަށް މި ސީޒަނުގައި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ގާތްގަނޑަކަށް ވަނީ ގެއްލިފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ހޮވިފައިވުމާ އެކު އެ ޓީމުގެ މިހާރުގެ އަމާޒަކީ އެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
ރަނިއޭރީ ބުނީ އޭނާ އަކީ ކުރިން ޗެލްސީއަށް ކޯޗުކޮށްދިން މީހަކަށް ވާތީ އާއި އެ ޓީމުގައި މިވަގުތު ހުރީ އިޓަލީ ކޯޗަކަށްވާތީ، އިޓަލީ ސަޕޯޓަރެއްގެ ހައިސިއްޔަތުން އުއްމީދުކުރަނީ ޗެލްސީން ލީގު ކާމިޔާބުކުރާނެ ކަމަށް ކަމަށެވެ. ރަނިއޭރީ ބުނީ ކޮންޓޭ ސާބިތުކޮށްދެމުން އަންނަނީ އިޓަލީ ކޯޗުންގެ ފެންވަރު ކަމަށެވެ.
އިޓަލީގެ ފިއޮރެންޓީނާ އަށް އިޓާލިއަން ކަޕާއި ސްޕެއިނުގެ ވެލެންސިއާ އަށް ސްޕެނިޝް ކަޕާއި ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްދީ އަދި ނަޕޯލީ އާއި ޔުވެންޓަސް އާއި ރޯމާ އާއި އިންޓަ މިލާން އަދި އެތުލެޓިކޯ މެޑްރިޑަށް ކޯޗުކޮށްދީފައިވާ ރަނިއޭރީ ލެސްޓާއާ ހަވާލުވީ އޭނާ އޮއްސިފައި ހުއްޓަ އެވެ. އެކަމަކު އެ ޓީމާ އެކު މިދިޔަ އަހަރު ހޯދި ކާމިޔާބީއާ އެކު ރަނިއޭރީ ވަނީ ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.
ރަނިއޭރީ ބުނީ 2020 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓުގައި ހުރި ނަމަވެސް އެ ހިސާބަށް އޭނާގެ މަގާމުގެ ޔަގީންކަން ކުޑަކަމަށެވެ.
"އަހަރެން އުއްމީދުކުރަން އިންގްލެންޑުގައި ދެމި ހުރެވޭނެ ކަމަށް. މިތާ މިިހިރީ ހިތްހަމަޖެހިގެން. ފުޓްބޯޅައިގައި އެއް ދުވަހު އުޑުގައި ފިޔަ ޖެހި ނަމަވެސް އަނެއް ދުވަހު ހިރަފުހުފައި އުޅެން ޖެހިދާނެ. އެހެންވީމާ ވާނެ ގޮތެއް ބުނަން ނޭގޭ،" ރަނިއޭރީ ބުންޏެވެ.