08 ފެބުރުއަރީ 2023 - 15:24

މ. ދިއްގަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) ގައި ފަރުވާ ދެމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ރަށު ފަޅު ތެރޭގައި އަޅާފައި އޮތް 23 ފޫޓުގެ ލޯންޗުގައި އަލިފާން ރޯވެ، އެ ލޯންޗުގެ ވެރިފަރާތާއި އޭގެ ތެރޭގައި ހުރި މީހަކު ފިހުނެވެ. އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް އެޗްޑީޔޫގައި އަދި އަނެކަކަށް ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.
ދެ މީހުން ވެސް ފިހިފައި އެކި އަނިޔާތައް ލިބިފައިވާ ކަމަށް ވިދާޅުވިއަސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ދިއްގަރު ކައުންސިލުން ބުނީ އެ ތަނުން އެކެއްގެ ދެ ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.
ލޯންޗުގައި ޕެޓްރޯލް ހުރުމުން ފަޅުތެރެއަށް ފައްތާލުމަށް އެ އުޅަނދު ވަނީ ނަގައިފަ އެވެ. އެ ހާދިސާގައި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެ އެވެ.